މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން އިންކަމް ޓެކްސް ނަގަން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި އިންކަމް ޓެކްސްގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އެ ގާނޫނުގެ ދަށުން، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ ވައްތަރެއްގެ އާމްދަނީ އަކުން މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ވަނީ ފަށާފަ އެވެ. އެއީ، ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާ އިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަން އާއި ރޮޔަލްޓީންނެވެ.
މިއަދު ޓެކްސް ނަގަން ފަށާފައި ވަނީ، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ އާމްދަނީންނެވެ.
އިންކަމް ޓެކްސް ގާނޫނުގެ ދަށުން، ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެއީ:
- 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ: 0 ޕަސެންޓް
- 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު
- 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 8 ޕަސެންޓް
- 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ: 12 ޕަސެންޓް
- 200،000 ރުފިޔާ އިން މަތީގެ އާމްދަނީ: 15 ޕަސެންޓް
އިންކަމް ޓެކްސް ނެގޭ ފަރާތްތަކުގެ ތެރޭގައި، ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއް އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެ އިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެ އެވެ.
މީރާ އިން ވަނީ، އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިތައް ވެސް މިއަދު އާންމުކޮށްފަ އެވެ.
މުސާރައި އިން ނަގާ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެނީ މަހުން މަހަށް، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ. މުސާރަ އިން ޓެކްސް ނަގަން ފަށާފައި ވަނީ މި މަހުން ފެށިގެން ކަމަށްވާތީ، ފުރަތަމަ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެނީ މޭ 15 ވަނަ ދުވަހުގެ ކުރިންނެވެ.
ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެ އިން އާމްދަނީ ލިބޭ ފަރާތްތަކުން ވެސް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންޖެހެނީ މަހުން މަހަށް، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
މީގެ އިތުރުން، ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ. ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ. އަދި ތިންވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި އަކީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.
އިންކަމް ޓެކްސް އަކީ މި އަހަރު ދައުލަތައް އާމްދަނީ އިތުރު ކުރަން ނަގަން ހިމެނި ޓެކްސް އެކެވެ. ބަޖެޓު އެކުލަވައިލިއިރު ލަފާކޮށްފައިވާ ގޮތުން އިންކަމް ޓެކްސް ނަގައިގެން ދައުލަތަށް މި އަހަރު 600 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ކޮށްފައިވާ އަސަރުތަކާ ހެދި އެ ވަރަށް އިންކަމް ޓެކްސް އިން އާމްދަނީ ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!