ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ އޭނާގެ އުފަން ގައުމު ސެނެގާލްގެ ހޮސްޕިޓަލެއްގަ އެވެ. ޑިއޫފް ވަނީ 2005 އިން 2009 އަށް މާސޭގެ ރައީސް ކަން ކޮށްފަ އެވެ. އެ ކުލަބުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ޑިއޫފްގެ ހަދާންތައް ހުންނާނެ ކަމަށެވެ.
އެގޮތުން ޑިއޫފް ވެފައިވަނީ ޔޫރަޕްގެ ޓޮޕް ޓީމެއްގެ ރައީސް ކަން ކުރި ކަޅު ނަސްލުގެ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ރައީސް އެވެ. މާސޭގެ ރައީސް ކަން ކުރުމުގެ އިތުރަށް ދެން އޭނާ ވަނީ 2007 ވަނަ އަހަރުން 2009 ވަނަ އަހަރަށް ފްރާންސް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގްގެ މެންބަރުކަން އަދާ ކޮށްފަ އެވެ.
"އޭނާ ފާހަގަ ކުރެވިފައިވަނީ ވަރަށް ޕެޝަނޭޓް ޑައިރެކްޓަރެއްގެ ގޮތުގައި." ފްރާންސް ޕްރޮފިޝަނަލް ލީގުން ނެރެފައިވާ ބަޔާނުގައި ބުނެފައި އެވެ.
ޑިއޫފް އަކީ، ކުރިން ފުޓްބޯޅަ ޖާނަލިސްޓެކެވެ. އަދި ފުޓްބޯޅަ އެޖެންޓެއްވެސް މެއެވެ. އޭނާ ވަނީ، މާސެލް ޑެސައިލީ، ބަސިލޭ ބޮލީ، ވިލިއަމް ގަލަސް، ސާމިރު ނަސްރީ އަދި ޑިޑިއޭ ޑްރޮގްބާގެ އެޖެންޓްކަން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!