ކޮވިޑް-19 އިގެ އަލާމާތްތައް ފެނިގެން ރާއްޖޭގައި ޑޮކްޓަރަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އެ ޑޮކްޓަރަކީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ޑޮކްޓަރެކެވެ. މިކަން ހާމަކުރީ ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ. މަބުރޫކް މިރޭ ވިދާޅުވީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރައްވަމުން ގެންދެވި ބިދޭސީ ޑޮކްޓަރެއްގެ ކިބައިން ކޮވިޑް- 19 ގެ އަލާމާތްތައް ފެނިގެން އޭނާ މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި ކޮވިޑް- 19 އަށް އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، ޔޫކޭއިން އައިސް ހުރި އެއް ދިވެއްސެއް ކަރަންޓީނު ކޮށްފައިހުރީ ރޯޔަލް އިއިލެންޑް ރިސޯޓުގައިއެވެ.
މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި 6 މީހަކު، ބަލީގެ އަލާމަތްތައް ފެނިގެން އައިސޮލޭޓްކުރި ކަމަށާއި، އެމީހުން ޓެސްޓުކޮށް، ނަތީޖާ ލިބުމާއެކު މިހާރު މަސައްކަތަށް އަނބުރާ ނެރެފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި 3 ދިވެއްސަކުވެސް ހިމެނެއެވެ.
މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!