ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރުގެ މައްޗަށް ކަށުނަމާދު ކޮށްފިއެވެ.
ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރު، ޑރ. އަޙްމަދު އައްލިވާޙްގެ މައްޗަށް ކުރެވުނު ކަށުނަމާދު ކުރެވިފައި ވަނީ މިޞްރުގެ އިސްމާޢިލިއްޔާގައިއެވެ.
މިޞްރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޚާލިދު މެގަހެދު ކުރިން ވަނީ މިޞްރުގެ އަޒުހަރު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. އަޙްމަދު އައްލިވާޙް ކޮވިޑް-19 ގެ ސަބަބުން ނިޔާވެފައިވާކަން މީޑިއާއަށް ކަށަވަރުކޮށް ދެއްވާފައެވެ.
ޑރ. އަޙްމަދު އައްލިވާޙް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވުމުން އެ ޤައުމުގެ ޕޯޓް ސައިޑްގެ އީއައި ޓަޑަމޮން ސްޕެސިލައިޒް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. ޑރ. އަޙްމަދު އައްލިވާޙް ނިޔާވީ އެ ހޮސްޕިޓަލުން ދެވުނު ފަރުވާއިން ހާލު ރަނގަޅުވުމުން އައިސޮލޭޝަން ހޮސްޕިޓަލަކަށް ބަދަލު ކުރެވިފައި ވަނިކޮށެވެ.
މިޞްރުން ފުރަތަމަ ކޮވިޑް-19ގެ ކޭހެއް ރިޕޯޓް ކޮށްފައިވަނީ 13 ފެބްރުއަރީ 2020 ގައި އެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް މިހާތަނަށް މިޞްރުގެ 656 މީހުންނަށް ވަނީ ޖެހިފައެވެ. މިބަލީގައި މިހާތަނަށް އެ ޤައުމުގެ 41 މީހުންވަނީ މަރުވެފައިއެވެ.
ކޮވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މީގެ ކުޑައިރުކޮޅެއް ކުރީން ވަނީ 8 ލައްކަ އަށްވުރެ އިތުރު ވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރުތަކުން ކޮވިޑް-19 ބަލި، މިހާތަނަށް 801،117 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 172،319 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 38،769 މީހުންވަނީ މަރުވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!