ލޯކަލް ކައުންސިލް އިންތިހާބު ފެށޭ އަހަރު ޖެނުއަރީއަށް ލަސްކުރުމަށް ޚާއްޞަ ގާނޫނެއް، އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ދަނީ ބިލެއް ޑްރާފްޓް ކުރަމުންނެވެ.

Ad
rt

އަލަށް އެކުލަވާލާ "ކައުންސިލް އިންތިޚާބުގެ ޚާއްޞަ ގާނޫނު"ގެ ނަމުގައި އެކުލަވާލާ މި ޤާނުނުގެ މަޤްޞަދަކީ، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިޚްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމެވެ. މި ޤާނޫނު އެކުލަވާލަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމުމުން އެ ޤާނޫނު އުވިގެންދާނެ ގޮތަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރާކަން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 ބައްޔާ ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ، އިތުރަށް އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅޭ ބިލެއް ޤާނޫނަކަށްވާނީ، ބިލް ހުށަހަޅައި، ތަޅުމުގައި ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، މަޖިލިސް ތަޅުމުން ބަލައިގަނެ، ބިލާއި ގުޅޭ މަޖިލިސް ކޮމެޓީއަށް ފޮނުވައި، ކޮމެޓީ މަސައްކަތް ނިންމައި، ކޮމެޓީ ރިޕޯޓަށް ބަހުސްކޮށް، ބިލް ތަޅުމުންފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ އެބިލް ތަސްދީދު ކުރެއްވުމުންނެވެ.