އިންޑިއާއިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑުގެ ބާވަތްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ގެނެސްފިކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނެފިއެވެ.
އިންޑިއާގެ ސޫތުކުޅިން މިއަދު މާލެ އައި ބޯޓުން ގެނެސްފައިވަނީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. މީގެ އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށާއި އިމާރާތްކުރުމަށް ބޭނުންވާ 5000 މެޓްރިކް ޓަނުގެ ސިމެންތި ވެސް ކުރު މުއްދަތެއްގައި ރާއްޖެއަށް އަންނާނެކަމަށް އިންޑިއަން ހައިކޮމިޝާނުން ވިދާޅުވެއެވެ.
ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންޑިޔާ މިހާރު އޮތީ ލޮކްޑައުންކޮށްފައެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މި މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ލިބޭނެކަމަށް ބުނެފައެވެ.
Ensuring food security—Clearance of our newest shipment of staple foods ongoing. We have arranged storage facilities to further increase our stockpile of staple foods and we assure everyone that we will maintain adequate supplies. pic.twitter.com/wwLWsU2Px2
— STO (@stoplc) March 28, 2020
އިންޑިޔާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް، ރާއްޖެއަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމުވެސް އެޤައުމުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ބޭހުގެ އެހީގެ ގޮތުގައި 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް މިހާރު ވަނީ ފޮނުވާފައެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ގޮތެއް ފަހިކުރުމަކީ ދިވެހި ސަރުކަރުން ވަރަށް މުހިއްމު އިސްކަމެއްދީގެން ކުރިއަށްގެންދާކަމެކެވެ. ސަރުކާރުން މިހާރު ވަނީ ކުރިއަށް އޮތް 10 މަސްދުވަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!