މާބަނޑު އަންހެނެއް ހިމެނޭ ތިން އަން ހެނުންގެ ދިވެހި އެ ޢާއިލާ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ދިޔައީ ބޭސްފަރުވާ އަށެވެ. ނަމަވެސް، އެ ޢާއިލާ ރާއްޖެ އަންނަން އޮތް ފްލައިޓް ކެންސަލްވެ، ތަޖުރިބާ ކުރަން ޖެހުނީ ހާސްކަމާއި، ހިތްދަތި ކަމުގެ ދުވަސްތަކެކެވެ.
ފްލައިޓް ކެންސަލްވި މެސެޖް ލިބުނީ ފުރަން 4 ގަޑިއިރަށް ވެފައި ހުއްޓައި
ތިން އަންހެނުންގެ ދިވެހި ޢާއިލާގެ ބޭސް ފަރުވާގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ހުރިހާ ކަމެއް ނިންމައި އަނބުރާ ޢާއިލާ ކައިރިއަށް ރާއްޖެ އަންނަން ތައްޔާރުވިއެވެ. އެ ޢާއިލާއަށް އެނގިފައި އޮތް ގޮތުން އިންޑިއާގައި ފެތުރެމުން ދިޔަ ކޮވިޑް-19 އާއި ގުޅިގެން އެ ޤައުމު ލޮކްޑަވްން އަކަށް ދާން ނިންމާފައި އޮތީ މާރިޗް 22 އިން ފެށިގެންނެވެ. އެ ޢާއިލާ ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ މާރިޗް 21 ވަނަ ދުހުގެ މޯލްޑިވިއަން ފްލައިޓުންނެވެ.
އެއިރު އިންޑިއާ ލޮކްޑަވްންއަކަށް ގޮސް މާރިޗް 22 ގެ ކުރިން ދަތުރު ނުކުރެވޭ ހާލަތެއް ކުރިމަތި ވެދާނޭ ކަމަށް ކަމާއި ބެހޭ އެއްވެސް ފަރާތަކުން އެންގުމެއްވެސް އާންމުކޮށްފައި ނުވާތީ، އެ ޢާއިލާ އުންމީދު ކުރީ ފުރަން ނިންމާފައި އޮތް ފްލައިޓުން ރާއްޖެ އާދެވޭނޭ ކަމަށެވެ. ނަމަވެސް ކަންތައް ދިމާވީ ވަރަށް ހިތްދަތިކޮށެވެ.
ފުރަން އޮތް ދުވަހު ހެނދުނު ޗެކިން ފެށެން 4 ގަޑިއިރަށް ވެފައި ހުއްޓައި އެއަރލައިންއިން މެސެޖް ލިބުނީ އެ ޢާއިލާ ދަތުރު ކުރަން އޮތް ފްލައިޓް ކެންސަލްވީ ކަމަށެވެ. އެދުވަހު މޯލްޑިވިއަން ފްލައިޓް ޓްރެވެންޑްރަމް-މާލެ ޗެކިން އޮތީ ހެނދުނު 9:45 ގައިއެވެ. ކެންސަލްވި ކަމުގެ މެސެޖް ލިބުނީ ހެނދުނު 6:45 ގައެވެ. އެއަރލައިނުންވެސް އިތުރު ޚަބަރެއް ވެފައި ނުވާއިރު، ހަމަ އެކަނި އެ ޢާއިލާއަށް އެންގީ ޓިކެޓްގައި 1 އަހަރު ދުވަހު ތެރޭ ދަތުރު ކުރެވޭނޭ ކަމަށެވެ.
ޢާއިލާގެ މެމްބަރެއްގެ ހިތުގެ ޝުއޫރު
" ވަރަށް ފަސޭހަ ވާނެ ކޮއްމެ މީހަކަށްވެސް ބުނަން ކީއްވެހޭ މި ދަނޑިވަޅުގައި އިންޑިއާއަށް ދިޔައީ. ރާއްޖޭން ހުރިހާ ކަމަކަށް ބޭސް ފަރުވާ ކުރެވޭނަމަ، މި ދަނޑިވަޅުގައި އިންޑިއާއަށް އައްނަން ނުޖެހުނީސް. އަޅުގަންޑުމެން އައި އިރު މިތާ ހާލަތު އެއްވެސް ވަރަކަށް ގޯސް ކަމެއް އެނގިފައިއެއް ނެތް. އަދި އައިތާ 05 ވަނައަށް ވީ ދުވަހު ފޮރިން މިނިސްޓަރީއިން އިންޑިއާއަށް ދަތުރު ނުކުރަން އިލްތިމާސް ކުރީ." އިންޑިއާގައި ހުރި އެ ޢާއިލާ މެމްބަރެއް މާރިޗް 25 ވަނަ ދުވަހު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ގައި ބުނެފައި ވެއެވެ.
" ބޭސް ފަރުވާގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށް. އަލްޙަމްދުﷲ. ފުރަން އޮތް ދުވަހު ހެނދުނު ޗެކިން ފެށެން 4 ގަޑިއިރަށް ވެފައި ހުއްޓައި އެއަރލައިންއިން މެސެޖް ކުރީ ފްލައިޓް ކެންސަލްވީ ވާހަކަ. 20 ވަނަ ދުވަހު އެނގުނީ 21 ވަނަ ދުވަހު އޮތީ މޯލްޑިވިއަންގެ އެންމެ ފަހު ފްލައިޓް ކަން. 22 ވަނަ ދުވަހު އިންޑިއާ ލޮކްޑަވްން އަކަށް ދާކަން. އެހެންވެ ފުރަން އޮތް ދުވަހުގެ ކުރީ ރޭ ޓްރިވަންޑްރަމް، މޯލްޑިވިއަން އޮފީހަށް ގުޅައި ޔަޤީން ކުރިން ފްލެއިޓް އޮވޭތޯ. ކޮންސިއުލޭޓްގައި ރަޖިސްޓަރީ ވާން ބުނި ހިސާބުން ރަޖިސްޓަރީވެސް ވީން. އެކަމަކު އެއްވެސް ފަރާތަކުން (ކޮންސިއުލޭޓް، އެއަރލައިން) އިންޑިއާ ލޮކްޑަވްނަށް ގޮސް ފްލައިޓް ކެންސަލް ވެދާނެ ވާހަކައެއް ނުބުނޭ. ވަގުތު އޮއްވައި އެންގުނު ނަމަ ބޭސް ފަރުވާ މެދު ކަނޑާލާފައި ދެވުނީސް. އަދި 21 ވަނަ ދުވަހު ރާއްޖެ ދިޔަ އެއަރ އިންޑިއާ ފްލައިޓުން ދެވޭތޯ ބެލުނީސް، އެކަމަކު އެނގުނު އިރު ޖާގައެއް ނުލިބުނު " އޭނާ އިތުރަށް ލިޔެފައި ވެއެވެ.
" މިއަދުން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑަވްން ކޮއްފައި މިއޮތީ. ކޮންސިއުލޭޓުން އަންގަނީ ފްލައިޓް އޮއްނަ ދުވަހެއް ނޭނގޭ ކަމަށް. ފައިސާގެ ގޮތުން އެހީ ވާނެ ކަމަށް. އެކަމަށް ޝުކުރު ދަންނަވަން. ކާބޯތަކެތި ހޯދަން ބޭރަށް ނިކުމެ ހަދަން ބިރުގައްނަ ހާލަތުގައި މިތަން މި އޮތީ. ކައިރި ފިހާރަ ތަކުން ބޭނުންވާ އެއްމެ އާދައިގެ އެއްޗެހިވެސް ނުލިބޭ. އިންޝާ ﷲ، މި ހިތްދަތި ހާލަތު ބަދަލުވެ، ސަލާމަތް ކަމާއިއެކު އެނބުރި ގައުމަށް ދެވޭނެ ދުވަހެއް މިންވަރު ކުރައްވާށި! " އޭނާގެ ފޭސްބުކް ޕޯސްޓް ނިންމާލަމުން ބުނެފައި ވެއެވެ.
ރެޔާއި ހަމައަށް އެޕާޓް މެންޓެއްގައި ތާށިވެފައި، ކެއީ ހުސް ބަތް ކައްކައިގެން
ރާއްޖެ ނާދެވި ތިން އަންހެނުން އިންޑިއާގައި ތާށިވީއެވެ. އެދުވަހު ފިހާރަތަކުން ގަންނަން ލިބުނު ހަނޑޫކޮޅު ގަނެވުންކަންވީ ޢާއިލާއަށް ލިބުނު ނަސީބަކަށެވެ. ކުރިމަތިވި ހާލަތުން އެޕާޓްމަންޓް ތެރޭ ތިބެގެން އިއްޔެ ރެއާއި ހަމައަށް، ފާއިތުވި ހަތް ދުވަހު ކެއުމަށް ބޭނުން ކުރީ ހަމަ އެކަނި ހުސްބަތެވެ. އެދުވަހު ލިބުނު ވަގުތު ކޮޅުގައި މަސައްކަތް ކުރި ނަމަވެސް ފިހާރަތައް ބަންދު ކުރުމާއި، މަގުމަތީ ތަކެތި ވިއްކާ މީހުންވެސް ނެތުމާއި، މަދު ފިހާރައެއް ހުޅުވާފައި ހުރި ނަމަވެސް އެއްޗެއް ގަންނަން ނުލިބުމުން ހިތްދަތިކަން އިންތިހާއަށް އިތުރުވިއެވެ.
އެހީތެރިކަމަށް އެދެން ބޭނުންނަމަ ކޮންސިއުލޭޓަށް ގުޅުމަށް ކޮންސިއުލޭޓްގެ ނަމްބަރެއް ހިއްސާ ކޮށްފައިވާތީ، އެ ނަމްބަރަށް ގުޅުމުން ދެނީ ޑެލިވަރީ ކޮށްދޭ ތަންތަނުގެ ނަމްބަރުތައް ކަމަށް އެ ޢާއިލާއިން ބުންޏެވެ. ނަމަވެސް އެނަމްބަރު ތަކަށް ގުޅިޔަސް ކާއެއްޗެއް ނުވަތަ ކައްކަން ބޭނުން ކުރާ އެއްޗެއްވެސް ނުލިބޭ ކަމަށް އެ ޢާއިލާއިން ބުންޏެވެ. އެ ޢާއިލާގެ އަތުގައި ފައިސާ ހުރި ނަމަވެސް ގަންނާނެ އެއްޗެއް ނުލިބޭ ކަމަށް އެ ޢާއިލާއިން ބުންޏެވެ.
އިންޑިއާ ރައްޔިތެއްގެ އެހީތެރިކަމުގެ އަތެއް
އެ ތިން އަންހެނުންގެ ޢާއިލާއަށް ހިތް ހަމަ ޖެހުމެއް ލިބުނީ، އިންޑިއާގެ ރައްޔިތެއް އެހީތެރި ކަމުގެ އަތެއް ދިއްކޮށްލީމައެވެ. އޭނާގެ ގެޔަށް ބަދަލުވެއްޖެ ނަމަ ކެއުން ހަމަ ޖައްސައި ދޭނެ ކަމަށް ބުނުމުން އެ ޢާއިލާ ރޭގައި އެގެއަށް ބަދަލުވީއެވެ. އިންޑިއާ މީހާއަށް ލިބޭނެ މާލީ މަންފާއަކަށް އެކަން ކުރި ނަމަވެސް މިވަގުތު އެކަމަކީ، އެ ޢާއިލާއަށް ލިބުނު ހިތް ހަމަ ޖެހުމެކެވެ. ހަތް ދުވަސް ތެރޭ ހުސްބަތް ނޫން އެއްޗެއް ކާން ލިބުނީ ރޭގައިއެވެ.
އެ ޢާއިލާއަށް މިހާތަނަށް އިތުރު އެއްވެސް ފަރާތަކުން މިފަދަ އެއްވެސް އެހީ ތެރިކަމެއް ލިބިފައި ނުވާ ކަމަށް އެ ޢާއިލާއިން ބުނެއެވެ.
ޢާއިލާ ގާތަށް އާދެވޭނެ ދުވަހެއްގެ އިްނތިޒާރުގައި
އެ ޢާއިލާގެ ދުއާ އަކީ ވީ އެންމެ އަވަހަކަށް ރާއްޖެ އާދެވޭނޭ ދުވަހެއް ﷲ ގެ އިރާދަ ފުޅުން މިންވަރު ކުރެއްވުމެވެ. އުންމީދަކީ އެ ޢާއިލާފަދައިން އިންޑިއާގައި ތާށިވެފައި ތިބި އެންމެހާ ދިވެހިންނަށް ސަލާމަތްތެރިކަމާއި ރައްކާތެރި ކަމާއެކު ޤައުމަށް އަވަހަށް އެނބުރި އާދެވުމެވެ. އަޅުގަނޑުމެންގެ އުންމީދަކީ އަދި ދުޢާއަކީވެސް އެއީ އެވެ.
މުޅި އިންޑިއާ ތިން ހަފުތާ އަށް ލޮކްޑައުންގައި
އިންޑިއާގެ ޓްރެވެންޑްރަމަކީ، އެތައް ސަތޭކަ ދިވެހިންނެއް ބޭސް ފަރުވާގެ ޚިދުމަތް ހޯދަން ދާ ތަނެއްކަން ނުންނަ ދިވެއްސެއް ނުހުންނާނެއެވެ. އިންޑިއާގެ ކެރެލާ ސިޓީއަށް ނިސްބަތްވާ ޓްރެވެންޑްރަމްއަށް ބޭސް ފަރުވާއަށް ގޮސް އުޅެނީ އާންމުކޮށް މެދު ފަންތީން ފެށިގެން ދަށުގެ ދިވެހި ޢާއިލާ ތަކެވެ. އެ ޢާއިލާތަކަކީ މާ ބޮޑު މާލީ ތަނަވަސް ކަމެއް ހުންނަ ޢާއިލާ ތެކެއް ނޫނެނެވެ. ބުރަ މަސައްކަތުން އެއްކުރާ ލާރި ކޮޅުން، ރަނގަޅު ބޭސް ފަރުވާގެ ޚިދުމަތެއް ލިބޭތޯ ދަނީއެވެ. ބޭސް ފަރުވާއަށް މާލެ އަންނަ ނަމަ މާލޭގައި ތިބިމާއި، ކެއުމުން ފެށިގެން ހުރިހާ ޚަރަދެއް ހެން ބޮޑީއެވެ.
އެފަދަ އެތައް ޢާއިލާއެއް މިވަގުތު އިންޑިއާގައި ތިބި އިރު، ކޮވިޑް-19 އާއި ގުޅިގެން މިހިނގާ މާރިޗް މަހުގެ 24 ވަނަ ދުވަހުގެ މެންދަމު 00:00 އިން ފެށިގެން ތިން ހަފުތާ އަށް މުޅި އިންޑިއާވަނީ ލޮކްޑައުންކޮށްފައެވެ.
އެކަން ޢިއުލާން ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، 21 ދުވަހަކީ ވަރަށް ގިނަ ދުވަސް ކަމަށާއި ނަމަވެސް މިއީ ސިއްހީގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. "21 ދުވަހުގެ ތެރޭ އަޅުގަނޑުމެންނަށް މި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަޅުގަނޑުމެން 21 އަހަރު ފަހަތަށް ދާން ޖެހިދާނެ،" މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ 933 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 20 މީހުން ވަނީ މަރުވެސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!