ފުޑް ޑޮޓް އެމްވީއަކީ މިއީ މުޅި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް ލިސްޓްކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ލޮކޭޝަން، ފައިސާ ދެއްކެން ހުރި އޮޕްޝަންތަކާއި ޑެލިވަރީ ޚިދުމަތް ލިބޭކަން ނުވަތަ ނޫންކަން، އަދި ތަންތަނުގެ ފޯނު ނަންބަރު ފަދަ މުހިންމު މަޢުލޫމާތުގެ އިތުރުން އެތަންތަނުގެ މެނޫ ތަކާއި ލިބެންހުންނަ ބާވަތްތަކާއި އަގާއި ފޮޓޯ ފަދަ މުހިންމު އެތައް މަޢުލޫމާތު ފަސޭހައިން ފެންނަންހުރެއެވެ.

މިއަހަރުގެ ފަހުކޮޅު މިވެބްސައިޓް ނެރުމަށް ކުރިން ވިސްނާފައި އޮތްނަމަވެސް ވެބްސައިޓްގެ މަސައްކަތް އަވަސްކޮށް މިދަނޑިވަޅުގައި ވެބްސައިޓް ލޯންޗްކުރީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ކާރިސާގެ ސަބަބުން ސައިހޮޓާތައް ބަންދުވުމާއެކު މިފަދަ ވެބްސައިޓެއްގެ ބޭނުންތެރިކަން ދިވެހި ރައްޔިތުންނަށް މުހިއްމުވުމުންކަމަށް ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން މައުލޫމާތު ދެއެވެ.

Ad
rt

އެފަރާތުން ހާމަކުރާ ގޮތުގައި މި ވެބްސައިޓަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ނުހަނު ފަސޭހައިން އިޝްތިހާރުކޮށް ޕްރޮމޯޝަންތައް ހިންގޭނެ ޕްލެޓްފޯމެކެވެ. މި ވެބްސައިޓްގައި ލިސްޓް ކުރުމުގެ ޚިދުމަތް މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެއިންބުއިމުގެ ޚިދުމަތްދޭ އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ. އެގޮތުން އާއްމު އުސޫލެއްގެ ގޮތުން ލިސްޓިންގް ފީއެއް ނެގުމަށް ވިސްނާފައި އޮތަސް، މިވަގުތު ރާއްޖޭގެ ހާލަތު ހުރި ގޮތުން ހުރިހާ ފަރާތްތަކަށްވެސް މުޅިން ހިލޭ ލިސްޓު ކުރެވޭނެއެވެ.

މިވެބްސައިޓް ގައި އޯޑަރު ކުރާނީ ސީދާ ރެސްޓޯރެންޓަށް ގުޅައިގެންނެވެ. އަދި ޑެލިވަރީވެސް ކުރާނީ ރެސްޓޯރެންޓުންނެވެ. އަދި އެއްވެސް ކޮމިޝަނެއް ނުވަތަ ފީއެއް ނުނަގާނެކަމަށް ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ފުޑް.އެމްވީގެ އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަންއެއްވެސް ނެރުމަށް މަސައްކަތް ކުރަމުން ދާކަމަށް ޖަވާބުން މައުލޫމާތު ދެއެވެ.