މިހިނގާ މާރިޗް މަހުގެ 25 ވީ ބުދަ ދުވަހު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާންކަމަށެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު،" އެދުވަހު އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ޤައުމު ހިންގުމުގެ ހުރިހާ ޒިންމާއެއް ނަންގަވައިގެން ހުންނެވި ރައްޔިތުންގެ "މާލިމީ" ރައްޔިތުންނަށް އެދެއްވީ ވަރަށް ބޮޑު ހިތްވަރެއްކަން ގައިމެވެ. އެމަނިކުފާނުގެ އެބަސްފުޅުތަކުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި އުންމީދު އައު ކުރުވިއެވެ.

އެމަނިކުފާނު އެދުވަހު އެވިދާޅުވި ބަސްފުޅުތަކަކީ ހަމަ ވިދާޅުވި ބަސްފުޅުތަކެއް ނޫނެނެވެ. އެކަން ގެންދަވަނީ އަމަލުން ސާބިތު ކޮށްދެއްވަމުންނެވެ. މުޅިދުނިޔެ ސިހި، ރާއްޖެއަށް ކުރިމަތިވެފައިވައިވާ މި ނާޒު ދަނޑިވަޅުގައި ރައީސް ސާލިޙްގެ އިސްކުރައްވާފައިވަނީ ހިކުމަތްތެރިކަމާއި، ރޭވުންތެރިކަމާއި އަދި މުރާލި ކަމެވެ.

އެހެން މި ދަންނަވަނީ "ވައެއް" ޖެހުމުގެ ބޭނުމުގައެއް ނޫނެނެވެ. އެފަދަ ސަބަބެއްވެސް ނުމެ ނެތްމެއެވެ. އަދި ކިއެއްތަ، އެހެން ދަންނަވަން ފުރުޞަތު ލިބުނީ އެމަނިކުފާނު ކުރައްވާ މަސައްކަތް ސިޔާސީވުމެއްނެތި ބަލައި، މިނެ ކިރާލުމުން އެހެން ދަންނަވަން ޖާގަ ލިބުމުންނެވެ.

" އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު، " = ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް =

ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެއަށް ކުރިމަތިވި ހިނދު، ރައީސް ޞާލިޙް އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކާއި، ކަންކަން ގެންދެވި ރޭވުންތެރިކަމާއި، އިސްކުރެއްވި ހިކުމަތްތެރިކަން މިހިރީ ހަފަރާތުން ފެންނާށެވެ.

އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމަލީ ގޮތުންނެވެ. ނިންމެވުންތައް ތަންފީޒުވޭތޯ ބައްލަވަނީ އަކުރުން އަކުރަށެވެ. މަސައްކަތްތައް ހަވާލު ކުރެވިފައިވާ ފަރާތްތައް މަސައްކަތް ކުރަށްވާގޮތް ބައްލަވަމުން ގެންދަވަނީ އަމަލީ ގޮތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަކީ މިވަގުތު އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ކަންތައްތަކެވެ. ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރަށް ޤަވާއިދުން ވަޑައިގެން ބަރާބަރަށް ކަންކަން ގެންދަވަނީ ގާތުން ބައްލަވަމުންނެވެ. ޤައުމުގެ ހާލަތު ވަޒަން ކުރަށްވާ، އަޅުއްވަން ޖެހޭ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ.

" ރައީސް ވަޑައިގެން ކަންކަން އޮޅުން ފިލުއްވައި، މަޝްވަރާ ކުރައްވާ މަޝްވަރާ ހޯއްދަވާ، މިއީ މިދަނޑި ވަޅުގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ރައީސްގެ އެއިސް ނެންގެވުމުން އަޒުމް އާލާވޭ، މިމަސައްކަތް ރޭވުންތެރިކަމާއި އެކު މިދަނީ ރައީސްގެ ހިކުމަތު އަމަލީގެ ސަބަބުން" އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މަސައްކަތް ކުރަށްވާ ފަރާތެއް ބުނެފައި ވެއެވެ.

"އަތޮޅުވެރީންނަށް ހިތްޕެވޭނީ ވަލުގައެވެ." ދިވެހި ބަހުގެ މި މުސްކުޅި ބަހާއި ހިސާބުން ހަމަ ގައިމުވެސް ރައީސް ޞާލިޙް ދޫ ނުކުރަށްވާކަން އެނގެއެވެ. އެމަނިކުފާނު އެގެންދަވަނީ މިޤައުމު ކޮވިޑް-19 އިން ސަލާމަތް ކުރުމަށް ރެޔާއި، ދުވާލު މަސައްކަތް ޕުޅު ކުރަށްވަމުންނެވެ.

އައިޖީއެމްއެޗްގެ ޑަކްޓަރު، ޑރ. މުޙައްމަދު ޢަލީ ދެލޯ ކަރުނުން ފުރިގެން ދިޔައީވެސް ރައީސް ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ނިންމެވި ނިންމެވުންތަކުގެ ސަބަބުންނެވެ. ޤައުމަށްޓަކައި ރައީސްގެ ހިތްޕުޅުގައި އޮތް ލޯބި ފެނިފައެވެ.

މިޤައުމު ސަލާމަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް މިހާރު މިއޮތީ އަޅުގަނޑުމެން ރައްޔިތުންގެ އަތްމަތީގައެވެ. އަޅުގަނޑުމެން ކޮމާންޑަރު އެގެންދަވަނީ ނަމޫނާ ދައްކަވައި، އިރުޝާދުތައް ދެއްވަމުންނެވެ. މުޅިސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ކެނޑި ނޭޅި އިރުޝާދުތައްދީ، އަޅަންޖެހޭ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ.

އެދެވޭ ނަތީޖާއެއް ފެންނާނީ، ރައްޔިތުން ކިޔަމަންތެރި ކަމާއިއެކު، އިރުޝާދަށް ބޯލަނބައި، އަމުރުތަކަށް ކަމޭ ހިތައިގެންނެވެ. އަޑު އަހައި، އަމަލު ކުރާ ބަޔަކަށް ވެގެންނެވެ. ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ. އެންމެންނަށްވެސް ރައްކާތެރިކަން އޮތީ އޭރުންނެވެ.