ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ‏⁧‫ކޯވިޑް19‬⁩ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

Ad
rt

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގެ ސަރުކާރުންވެސް ދަނީ ކޮވިޑް-19 އިން ޤައުމު ސަލާމަތްކޮށް، ރައްކާތެރި ކުރުމަށް އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.