ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހުން ބަލިން މުޅިން ރަނގަޅުވެ، ޖުމްލަ ފަސް މީހަކު ބަލި ރަނގަޅުވި ލިސްޓަށް އަރައިފި އެވެ. މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރ ޑރ.މުޙައްމަދު އިސްމާޢިލް ވިދާޅުވީ 5 މީހަކު ރަނގަޅު ވުމަކީ އުފާވެރި ޚަބަރެއް ނަމަވެސް މިވަގުތަކީ އަދި މީގެ ނުރައްކާ ކުޑަ ވަގުތެއް ނޫންކަމަށެވެ. މިދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް އަޑުއަހާ ގޭގައި މަޑުކުރުމަށް ޑރ.މުޙައްމަދު އިސްމާޢިލްވަނީ އިލްތިމާސްކުރައްވާފައެވެ.
Today’s latest updates:
New cases (last 24 hours): 0
Total confirmed cases: 13
Total recovered cases: 05
Total in quarantine facilities: 496
Total in isolation facilities: 22— Health Protection Agency (@HPA_MV) March 23, 2020
ރާއްޖެ އިން ރަނގަޅުވި 3 ވަނަ މީހާވެސް ޑަބަލް ޓެސްޓު ކުރިއިރު އޭނާ ނެގެޓިވްވެފައިވާއިރު، އޮންނަ އުސޫލުގެ ދަށުން އިތުރަށް މޮނިޓަރ ކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޭނާއަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވުނު މީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖޭގެ ސަރުކާރުންވެސް ދަނީ ކޮވިޑް-19 އިން ޤައުމު ސަލާމަތްކޮށް، ރައްކާތެރި ކުރުމަށް އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.
އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!