އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، އޭވިއޭޝަން ދާއިރާ އިނދަޖެހިފައިވާ ކިދަނޑިވަޅުގައި ރާއްޖޭގެ އިތުރުން އެ އެއާލައިނުން ދަތުރުކުރާ ގިނަ މަންޒިލުތަކަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން އެ އެއާވޭސް އިން ވަނީ ނިންމާފައެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސިންޖަރުންނާއި ސްޓާފުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ޔޫއޭއީގެ ސަރުކާރުގެ ނިންމުންތަކަށް ބޯލެނބުމުގެ ގޮތުން އެ އެއާލައިނުން ކޭޓާކުރާ ބައެއް ސެކްޓާތަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އިއްތިހާދު އެއާވޭސް އިން މާލެ އާއި އަބޫދާބީ އާއި ދެމެދު ދުވާލަކު ދެ ފްލައިޓު ބޭއްވި ނަމަވެސް މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެއްވެސް ފްލައިޓެއް ދަތުރެއް ނުކުރާނެ އެވެ.
މީގެ އިތުރުން އެ އެއާލައިނުން ވަނީ ދުނިޔޭގެ ގިނަ މަންޒިލުތަކަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލައިފަ އެވެ. ޓިކެޓު ނަގަން ދެއްކި ފައިސާއަށް ޓިކެޓު ރީބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިއްތިހާދުން ބުނީ އެ އެއާލައިނުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ ޓިކެޓު ކެންސަލް ކުރުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިން ތަކުން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައިވާއިރު ބައެއް އެއާލައިންތަކުން ކުރާ ދަތުރުތައް ވަނީ ބޮޑުތަނުން މަދުކޮށްފަ އެވެ. މީގެ ކުރިން ދާވާލަކު ތިން ފްލައިޓު ބޭއްވި އެއާލައިންތަކުން ވަނީ ހަފްތާއަކު ފްލައިޓަކަށް މަދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!