ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާނީ ޓެސްޓްކޮށް އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.
ފެލައިނީއާއި ކޮންޓެކްޓްވި ބައެއް ފަރާތްތަކުން އެޗްޕީއޭއިން ޓްރޭސްކުރަންދެން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށާއި، އެފަދަ މީހެއްވާނަމަ ވަގުތުން އެ މައުލޫމާތު ހާމަކުރުމަށް، ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވަނީ އިލްތިމާސްކުރަށްވާފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒް ވިދާޅުވީ، ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު ކަމަށް މަބުރޫކު ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ބަލީގެ އަލާމާތްތައް ފެންނާތީ ދެ ދިވެއްސަކު ޓެސްޓްކޮށް ވެލިދޫ އައިސޮލޭޝަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މާލެ އާއި ރިސޯޓްގައި ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު މި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ހުކުރު ދުވަހު (މާޗް 20) ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ތާރީހަށް ބަލައި އަދި 14 ދުވަހުގެ މުއްދަތު ބަލާއިރު އޭނާ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީހަކީ މި މަހުގެ 6 ވަނަ ދުވަސް ކަމަށެވެ.
ފެލައިނީ ކުޅޭ ޝަންޑޮން ލުނެން އަކީ ޗައިނާގެ އުތުރުގެ ޝަންޑޮން ޕްރޮވިންސްގެ ޖިނާން އަށް ނިސްބަތްވާ ކްލަބެވެ. ޗައިނާ އަކީ މި ބަލި މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނުނު އަދި މި ބަލި އެންމެ ބޮޑަށް ފެތުރުނު ގައުމެވެ. އެކަމަކު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފަ އެވެ. މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕު ބައްރުގެ އިޓަލީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!