ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދޭން ނިންމައިފިއެވެ.

މިހާރުވެސް ވަނީ ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ސަރުކާރަށް ދީފައެވެ.

Ad
rt

ސަރުކާރުން މިކަމާއި ގުޅިގެން ވަކިއެއްޗެއް ބުނެފައި ނުވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮލިޑޭ އައިލެންޑް ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދެނީ، ފަން އައިލެންޑް ރިސޯޓެކޭ އެއްގޮތަށް އެއްވެސް އަގެއް ނެގުމެއް ނެތިއެވެ.

މިކަމާއި ގުޅިގެން ހޮލިޑޭ އައިލެންޑް ރިސޯޓުން ވާހަކަ ދެއްކެވި މެނޭޖްމަންޓް ބޭފުޅަކު ވިދާޅުވީ، އެ ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދިނުމަށް ނިންމުމާއި ގުޅިގެން އެރިސޯޓުގައި ތިބި ފަތުރުވެރިން ޕެރެޑައިސް އައިލެންޑް ރިސޯޓަށް ބަދަލުކުރަން ނިންމާފައި ވާކަމަށެވެ.

އޭނާ އިތުރަށްބުނީ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާޙީމް ނިންމަވާފައިވަނީ ރިސޯޓުގެ ފެސިލިޓީސްއާއި މުވައްޒަފުންނާއި އެކު އެރިސޯޓު، ކޮވިޑް-19 އިން ރައްޔިތުންނާއި، ޤައުމު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސަތްކަތަށް އެހީތެރި ވުމުގެ ގޮތުން ސަރުކާރުގެ ބޭނުމަށް ހަވާލު ކުރުމަށް ކަމަށެވެ.

މިހާރުވެސް ދަނީ ވިލާގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.