ކޮވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތާއި ދޮގު ޚަބަރު ނުފެތުރުމަށް ކޮރޯނާވައިރަސް ޓާސްކްފޯސްގައި އިސްކޮށް ހަރަކަތްތެރިވާ ޑރ. އަލީ ލަތީފު އާދޭހާ އެކު އެދިވަޑައިގެންފި އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން އެއްވެސް ބަލި މީހަކު އެޑްމިޓްކޮށް ޓެސްޓު ހަދާ ނަމަވެސް ޑޮކްޓަރުންނަށް އެނގޭނެ ކަމަށާއި ޓެސްޓު ތަކުގެ ނަތީޖާ ސިއްރު ކުރުމެއް ނެތި ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށެވެ. އަދި މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ޑޮކްޓަރުން ކުރާ މަސައްކަތަކީ، ހެޔޮ ނިޔަތުގައި ރަނގަޅަށް ކުރާ މަސައްކަތެއްގެ ގޮތުުގައި ރައްޔިތުން ގަބޫލު ކުރެއްވުމަށް އޭދޭ ކަމަށް އަލީ ލަތީފު ވިދާޅުވި އެވެ.

Ad
rt

"އެކަމަށް ހުރަސް އެޅުމަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ، ޕަބްލިކް ކޮންފިޑެންސް [އާންމުންގެ އިތުބާރު] ޑޮކްޓަރުންނާ މެދު ގެއްލޭނެ ކަމެއް. އަޅުގަނޑުމެން ވަރަށް ދެރެވޭ އައިޖީއެމްއެޗްގައި އޮންނަ ޕޭޝަންޓެއްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް މީޑިއާގައި [ދޮގު މައުލޫމާތު] ފެތުރުމުން. އެއީ ވަރަށް ދެރަ ކަމެއް،"

ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ، ޓެސްޓެއްގެ ނަތީޖާ ލިބުން ވަގުތުން ވަގުތަށް ހިއްސާ ނުކުރެވިދާނެ ކަމަށާއި ނަމަވެސް އެއްވެސް މައުލޫމާތެއް ސިއްރުނުކޮށް މީޑިއާޔަށް އާންމު ކުރައްވާނެ ކަމަށެވެ. ޑޮކްޓަރުން ބޮޑު ރިސްކަކާ އެކު މަސައްކަތް ކުރަމުންދާއިރު، އެ ޑޮކްޓަރުންގެ އެދުމަކީ، އެގޮތަށް ދޮގު މައުލޫމާތު ނުފެރުތުރުން ކަމަށް ޑރ. ވިދާޅުވި އެވެ.

"[އަޅުގަނޑުމެން އެދެނީ] ޑޮކްޓަރުންގެ އަގު ވެއްޓޭގޮތަށް، އެބޭފުޅުންގެ އިތުބާރު ގެއްލޭގޮތަށް އެއްވެސް ކަހަލަ ވާހަކައެއް ނުދެއްކެވުން. އެހެން ހަދާފިއްޔާ މިކަން ބޮޑުވެގެންދާއިރުވެސް އަޅުގަނޑުމެން ދައްކާ ވާހަކަ ބަލި މީހުންވެސް ބަލި މީހުންގެ އާއިލާއިންވެސް އާންމު ރައްޔިތުންވެސް ގަބޫލުނުކޮށްފާނެ ހިތުގައު ޝައްކު އުފައްދަފާނެ،"

ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

އެއީ އެބޭފުޅުން ކުރައްވާ މަސައްކަތާ ބަލާއިރު، ރައްޔިތުންގެ ފަރާތުން އެދޭ ވަރަށް ކުޑަ ކަމެއް ކަމަށް ޑރ. ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވި އިރު، ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއުލާން ކުރައްވާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާވާލައްވަމުން މިނިސްޓަރު އަމީންވެސް ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ސިއްރު ނުކުރާނެ ކަމަށާއި ސައްޙަ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ.