ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
"އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއާގައި ފަރުވާދޭ ފަރާތާ އެކީގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ދެ ފަރާތެއް، މިހާރު މިވަނީ ކޮވިޑް19 އަށް ނެގެޓިވް ވެފަ،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރަނގަޅުވި ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށެވެ.
އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އެނޫސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ފުއްޕާމޭގެ ބަލިތަކުގެ ޚާއްސަ ޑަކްޓަރު، ޑރ. މޫސާ ހުސައިން ވިދާޅުވީ، އެ 70 އަހަރުން މަތީގެ މީހާ މިހާރު ރަނގަޅުކަމަށާއި، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
އޭނާ ހޮނިހިރު ދުވަހު ޑިސްޗަރޖުކުރުމަށް ގަސްތުކުރާ ކަމަށާއި ނަމަވެސް އޭނާ އަދި ދެ ހަފުތާ އައިސޮލޭޝަނަށް ދާނެ ކަމަށް ވެސް ޑރ. މޫސަ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސަ ޙުސައިން އިތުރަށް ވިދާޅުވީ މިހާރު ބައްޔަށް ނެގެޓިވް ވެފައިވާ 70 އަހަރުން މަތީ މީހާ 30 ދުވަހަށް މޮނީޓަރ ކުރަން ބޭނުންވާ ކަމަށެވެ. ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން އިތުރަށް ހަދަން ޖެހޭ ޓެސްޓުކުރާނެ ކަމަށާއި، ޤައުމަށް ފޮނުވާލާނީ އޭގެ ފަހުން ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު 13 ބިދޭސީން ތެރެއިން 2 މީހުން ރަނގަޅުވުމުން ބާކީ މިހާރު ތިބޭނީ 11 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!