ކުޅުދުއްފުށީ އެއަރޕޯޓަށާއި، ލޯކަލް ބަނދަރަށް ލަފާފުރާ ވަގުތުތަކުގައި މީހުން އެއްވެ ނޫޅުމަށް، ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެކައުންސިލުން އާންމުކުރި ދެންނެވުމެއްގައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި ގިނަމީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މި ބަލި ފެތުރުމަށް މަގުފަހިވާ ކަމަކަށްވާތީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކުފޯސްގެ އިރުޝާދުގެމަތިން ކުޅުދުއްފުށީ އެއަރޕޯޓަށާއި، ލޯކަލް ބަނދަރަށް ލަފާފުރާ ވަގުތުތަކުގައި މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

Ad
rt

‏ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ދުއްވާ ލާންޗުތަކުގައި ދަތުރުކުރާ މީހުންގެ މަޢުލޫމާތު ބަލަހައްޓާނެ ސިސްޓަމެއް ޤާއިމްކޮށް އެފަރާތްތަކާއި ޓާސްކް ފޯސްގެ ފަރާތުން ރޭ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފައި ވާކަމަށްވެސް އެކައުންސިލުން ބުނެފައެވެ.

އެކައުންސިލުން މީގެ ކުރިންވަނީ އެސިޓީގެ ހޮނިހިރު ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ސިޓީގެ ޕާކުތައް ބަންދު ކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.