ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުން ކަމަށާއި، މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު ތިބިތަނެއްގައި މަޑުކޮށްގެން ތިބުންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮރޯނާގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މީހުން ފުރައިގެން އަތޮޅު ތެރެއަށް ގޮސްފައިވާކަމަށާއި ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުންކަމަށެެވެ.
އެއްވާ ތަންތަން މަދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް ޑރ.ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.
ހަފުތާއަކަށް ސަރުކާރު ބަންދު ކުރަންނިންމީ ކޮފީއަށް ގޮސް، ފިނިބުރުޖަހަން ނޫންކަމަށާއި، ސަރުކާރު ބަންދު ކުރަން ނިންމާފައިވަނީ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް ކަމަށާއި ސިއްހަތަށް ވިސްނާ، އާންމުން ގޭގައި ތިބުމަށް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް އެއް ހަފްތާ އަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ސަރުކާރު މުވައްޒަފުން ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޒަރޫރީ ބޭނުމެއްގައި ނޫންގޮތަށް މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގެޔަށް ވެއްދުމުގެ މަސައްކަތްވެސް ފުލުހުން މިއަދު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!