ސްރީ ލަންކަން އެއާލައިންސް އިން ދިވެހި ރާއްޖެ އަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ސިރީލަންކާގެ ގައުމީ އެއާލައިނުން ބުނެފައިވަނީ، އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލަން ވަނީ ނިންމާފަ ކަމަށެވެ.

Ad
rt

އެގޮތަށް ނިންމީ، ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރަން ލަންކާ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ސްރީ ލަންކަން އިން ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރާއިރު ކޮލަމްބޯ އާއި ގަމާ ދެމެދު ހަފްތާ އަކު ހަ ފްލައިޓް ބާއްވައެވެ.

ސްރީ ލަންކަން އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލާ އެއް އެއާލައިން އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އަށް 2018 ވަނަ އަހަރު އެންމެ ގިނައިން ކާގޯ އުފުލި އެއާލައިނަކީ ވެސް ސްރީ ލަންކަން އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ލަންކާއިން 51 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިކަމާ ގުޅިގެން، އެއާޕޯޓް ބަންދުކޮށް، ކޮންމެހެން ބޭނުންވެގެން ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅެން އެ ގައުމުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ.