މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެވައިރަސް ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަރާތްތަކަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި، އެޗްޕީއޭ އަދި އެކަމާއި ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކުންފުނީގެ މަސައްކަތް ބައްޓަން ކުރާނެ "ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ" ކަރުދާހެއް ތައްޔާރުކޮށް އެ ކަރުދާހަށް އަމަލުކުރަން ވަނީ ފަށާފައިވެއެވެ.

Ad
rt

އެގޮތުން އެޅި އިތުރު ފިޔަޅު ތަކުގެ ތެރޭގައި އެޗްޕީއޭ އިން ޓުއަރިސްޓް އެކްސްކާޝަންސް އާއި ގުޅިގެން ނެރުނު ސާކިޔުލާ އާއި އެކު ކުންފުނީގެ ދަތުރު ފަތުރުގެ ޚިދުމަތްތަކަށް ބަދަލު ގެނެސް، ރަށްތަކަށް ޓުއަރިސްޓް އެކްސްކާޝަންސްއަށް ދިޔުމަށް އެކުންފުނީގެ ދަތުރު ފަތުރުގެ ޚިދުމަތް ބޭނުންކުރުން ވަނީ ހުއްޓާލާލައިފައެވެ.

އޭގެ އިތުތުން ކޮމްޕްރިހެންސިވް ޓްރާންސްޕޯޓް ނެޓްވޯކް ބޭނުންކުރާ ރާއްޖޭގައި މަސައްކަތްކުރާ އެހެން ޤައުމުތަކުގެ ފަރާތްތަކުން ޚިދުމަތް ހޯދުމަށްޓަކައި ބޭނުންކުރުމައްޓަކައި ވޯކް ޕާމިޓް ހުށަހަޅަން ޖެހޭގޮތަށް ވަނީ ހަދައިފައެވެ.

އެކުންފުނިންވަނީ އެކުންފުނީގެ ޓިކެޓް ކައުންޓަރުތަކާއި ބަސް އަދި ފެރީ ތަކުގައި ހޭންޑް ސެނިޓައިޒަރ ބަހައްޓައި، ފެރީ ޓާމިނަލް ތަކުގެ ފާޚާނާތަކުގައި ސައިބޯނި ބަހައްޓާފައިއެވެ.

ފަސިންޖަރުންނާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ އިން ނިންމަވާފައިވާ ނިންމުންތަކާއި، އެޗްޕީއޭ އިން ނެރެފައި ވާ ޤަވާޢިދުތަކާއި އިރުޝާރުތަކަށް އަމަލުކުރުމަށް ފަސިންޖަރުންނަށް އިލްތިމާސްކޮށް، މުވައްޒަފުންނަށް އެންގުމައްޓަކައި ޚާއްސަ ފިޔަވަޅުތަކެއްވެސް އެކުންފުނިންވަނީ އަޅާފައިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދުމަތަކީ ރާއްޖޭގެ އާބާދީގެ އައްޑިހަ ފަސް އިންސައްތައަށް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް މާރިޗް މަހުން ފެށިގެން އެ ކުންފުނީގެ އެސްއޯޕީގެ ދަށުން ޤަވާޢިދުން ބަސް އަދި ފެރީ ޓާމިނަލް އަދި އެހެން އުޅަނދުތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެކުންފުނިންވަނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ އަދި އެޗްޕީއޭގެ އެންގުންތަކާއި އިރުޝާރުތައް ދަތުރު ފަތުރުގެ ޚިދުމަތްތައް ގާއިމްކޮށްފައިވާ ހުރިހާ އަތޮޅަކާއި ރައްތަކަށް ދުވަހުން ދުވަހަށް ހިއްސާކޮށް ބައްޔަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މާލެ، ހުޅުމާލެ، ވިލިނގިލި ފެރީ ޔުނިޓް ސްޓާފުންނާއި އަދި ބަސް އޮޕްރޭޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފޯނުގެ ޒަރިއްޔާއިން ދަތުރު ފަތުރުގެ ޚިދުމަތްތައް ގާއިމްކޮށްފައިވާ ހުރިހާ އަތޮޅަކާއި ރައްތަކަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފައި ވާއިރު ފެރީ އަދި ބަސް ޓާމިނަލް ތަކުގެ ސާފުތާހިރުކަން އިންސްޕެކްޓްކޮށް، ސާފުތާހިރުކަން އިތުރުކުރުމައްޓަކައިވެސް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.