މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އަލީބާބާގެ ފައުންޑާ ކަމުގައިވާ ޖެކްމާ، އެފްރިކާއަށް 6 މިލިއަން ފޭސް މާސްކާއި 1.1 ކޮވިޑް-19 ޓެސްޓް ކިޓް އަދި 60 ހާސް މެޑިކަލް ޔޫސް ޕްރޮޓެކްޓިވް ސުއިޓް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަދިޔާކުރިކަން އިޢުލާން ކުރުމުގެ ގޮތުން ޖެކްމާ ފައުންޑޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްރިކާގެ 1.3 ބިލިއަން މީހުން ކޮވިޑް-19 ގެ ވަބާއިން ސަލާމަތްކުރުމަށް ކުރަންހުރި މަސައްކަތް ނުހަނު ގިނަކަމަށާއި އެފްރިކާ ބައްރަށް މިވައިރަސް ފޯރައިފިނަމަ ދިމާވާނެ ކަންކަން އަންދާޒާ ނުކުރެވޭކަމަށެވެ. އެހެން ކަމުން އެފްރިކާގައި މިވައިރަސް ފެތުރުމުގެ ކުރިން ތައްޔާރުވުމުގެ މުހިންމުކަން އެހެންގައުމުތަކުން ބުނެދީފައިވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އަލިބާބާ ފައުންޑޭޝަން އާއި ޖެކްމާފައުންޑޭޝަން އިން އެފްރިކާގެ 54 ގައުމަކަށް ކޮންމެ ގައުމަކަށް 20000 ޓެސްޓިންކިޓާއި އެއްލައްކަ ފޭސްމާސްކާއި 20000 ޓެސްޓިން ކިޓް އަދި ކޮންމެ ގައުމަކަށް 1000 މެޑިކަލް ސުއިޓް އަދި ފޭސް ޝީލްޑް ބެހުމަށް އިތިއޯޕިއާގެ ވެރިރަށް ފޮނުވުމަށް ތައްޔާރުވަމުންދާކަށް ބުނެފައިވެއެވެ. އިތިއޯޕިޔާގެ ސަރުކާރުން މިތަކެތި އެފްރިކާގެ 54 ހަތަރު ގައުމަށް ބެހުމުގެ އިންތިޒާމް ހަމަޖައްސަން އެއްބަސްވެފައިވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިތަކެތި ބޭނުންކުރާނެގޮތާއި ކޮވިޑް19 އަށް ކްލިނިކަލް ޓްރީޓްމެންޓް ދޭނެގޮތުގެ އޮންލައިން ކޯސްތަކެއް ފަށާފައިވާކަމަށް ބުނެފައިވެއެވެ.
ޗައިނާގެ ވޫހާންއިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އިރު މިވަގުތު މި ބަލި އެންމެ ހަލުވި ކަމާއި އެކު ފެތުރެމުން އަންނަނީ ޔޫރަޕްގައެވެ. އެގޮތުން އިޓަލީގައި މި ބަލި ހަލުވިކަމާއި އެކު ފެތުރެމުން އަންނަނީ ޗައިނާގައި ބަލި ފެތުރުނު ސްޕީޑަށްވުރެ ބާރަށް ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.
ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގެ 20 ވަނައަށް އެންމެ މުއްސަނދި މީހާ ޖެކްމާ ވަނީ ޔޫރަޕްގެ ގައުމުތައް މި ބަލިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް 19ގެ އެއްލައްކަ ޓެސްޓު ކިޓު އަދި 1.8 މިލިއަން ފޭސް މާސްކު ޔޫރަޕަށް ހަދިޔާކޮށްފައެވެ. މިތަކެތި މިހާރު ވަނީ ބެލްޖިއަމްއަށް ގެންދެވިފައެވެ.
ޖެކްމާ ވަނީ 5 ލައްކަ ޓެސްޓު ކިޓު އަދި 1 މިލިއަން މާސްކު އެމެރިކާއަށްވެސް ހަދިޔާކޮށްފައެވެ. ޖެކްމާ ގެ އަލީބާބާ ފައުންޑޭޝަނުން ވަނީ އެމެރިކާގެ އިތުރުން މި ވައިރަހުގެ އަސަރުކޮށްފައިވާ އެހެނިހެން ޤައުމުތައް ކަމަށްވާ ޖަޕާން، ކޮރެއާ، އިޓަލީ، އިރާން އަދި ސްޕެއިންއަށްވެސް އެހީވެފައެވެ.
ޖެކްމާ އެމެރިކާއަށް އެހީވުމަށް ނިންމާފައި މިވަނީ އެ ޤައުމުގައި ޓެސްޓު ކިޓްތައް މަދުވެ ގިނަ އަދަދެއްގެ މީހުންނަށް ޓެސްޓު ނުކުރެވިގެން އުޅެނިކޮށެވެ. އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ކޮވިޑު-19 އަށް ޓެސްޓުކޮށްދެނީވެސް ފައިސާ ދައްކައިގެންނެވެ.
އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަ ކޮވިޑު-19 އެހާ ސީރިއަސްކޮށް ނުނަގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ވައިރަސް ފެތުރެން ފެށުމުން އެމެރިކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެެވެ.
ކޮވިޑް 19އަށް ވެކްސިން ހޯދުމަށް ސައިންސުވެރިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 14 މިލިއަން ޑޮލަރުގެ އެހީއެއް ޖެކްމާވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!