އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ އެ ވައިރަހަށް ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އޭނާގެ ޓެސްޓު ނަތީޖާ ނެގެޓިވްވެފައިވާކަން ކަށަވަރުކޮށްދީފައިވަނީ އެޗްޕީއޭއިން ކުރި ޓުވީޓެއްގައި އެއިދާރާއިންނެވެ. އެއިދާރާއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފަރުކޮޅުފުއްޓަށް ހުޅުމާލެއިން ގެންދެވި އެކަހެރިކުރެވުނު ދިވެހި މީހާ ކިބައިން ނެގުނު ސާމްޕަލްތަކުގެ ތަޙުލީލު ނަތީޖާ ލިބުނުއިރު އޭނާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާ ކަމުގައެވެ.
މި ދިވެހި މީހާ ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން "ޕޮޒިޓިވް" ވި ބިދޭސީ މީހާގެ "ކްލޯސް ކޮންޓެކްޓް" އެއްގެ ގޮތުގައި ފާހަގަކުރެވިގެން، ޓެސްޓްތައް ހަދައި މޮނިޓަރ ކުރުމަށް އެކަހެރި ކުރެވިފައި.
— Health Protection Agency (@HPA_MV) March 16, 2020
އޭނާ ފަރުކޮޅުފުއްޓަށް ގެންދެވި ޓެސްޓުކުރެވުނު އެއް ސަބަބަކީ އޭނާއަކީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ފަރާތާއި ގާތް ކޮންޓެކްޓެއް ކަމުގައިވާތީއެވެ. އަނަންތަރާ ދިގުރަށުން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެއް ފަރާތެކެވެ.
މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19އަށް 13 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު އެފަރާތްތަކުގެ ތެރެއިން 9 މީހުންނަކީ އިޓަލީއިން ރާއްޖެއައި އެޤައުމުގެ މީހުންނެވެ. އަދި ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ތެރެއިން 6 މީހުންނަކީ ފިރިހެނުންނެވެ. އަދި 7 މީހުންނަކީ އަންހެނުންނެވެ. ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ ހުރިހާ ފަރާތްތަކެއްގެ ޙާލުވެސް ރަނގަޅު ކަމުގައި ސަރުކާރުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!