ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް އެލްޖީއޭއިން އެދެފިއެވެ.

އެލްޖީއޭއިން މިއަދު ނޫސްތަކަށް މައުލޫމާތު ދެމުން އާންމުކުރި ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާކޮވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅުވައި ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާ ކުރާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާތީވެ، ކައުންސިލްތަކުން އެކަން އެގޮތަށް ނުކުރުމަށް އަންގައި، އެ އޮތޯރިޓީގެ ސަރކިއުލަރއަކުން ވަނީ ހުރިހާ ކައުންސިލްތަކަކަށް ފޮނުވާފައި ކަމަށެވެ.

Ad
rt

" ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް ވީހިނދު، އެ ޙައްޤު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ. އަދި އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަކީ، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެކެވެ. " އެލްޖީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެހެންކަމުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް ދަންނަވާކަމަށް އެބަޔާނުގައި ވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން ބައެއް ކައުންސިލްތަކުންވަނީ އެރަށްތަކަށް ރިސޯޓުތަކުން މީހުން އައުމާއި ދިއުން މަނާކޮށްފައެވެ.