ކޮވިޑް-19 އަށް ހޭލުންތެރިކޮށް، ރައްކާތެރިވުމަށް ރާއްޖޭގެ އެހެން ހިސާބު ތަކެކޭ އެއްފަދައިން، ތިލަދުންމަތީގެ ރަށްތަކުގެ ސަރުކާރުގެ މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި، އާންމު ފަރުދުން ހިމެނޭހެން އަންނަނީ ހަރަކާތްތައް ހިންގައި ފިޔަވަޅުތަށް އަޅަމުންނެވެ. ތިރީގައި ކުރުކޮށް މިބަލާލަނީ އެގޮތުން ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ހިންގުނު ބައެއް ހަރަކާތްތަކަށެވެ.
އުތީމު ބަންޑާރައިން މިސްކިތު ކާޕެޓް މަތިން ތަރަފާލު އަޅައިފި
ކޮވިޑް-19 އަށް ރައްކާތެރިކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖޭގެ މިސްކިތްތަކުގެ ކާޕެޓް ބަދަލު ކުރުމަށް ނުވަތަ ކާޕެޓް މަތިން ތަރަފާލު އެޅުމަށް ކޮވިޑް-19 ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމާފައިވާތީ، އެނިންމުމުގެ ދަށުން އުތީމު ބަންޑާރައިން މިސްކިތު ކާޕެޓް މަތިން ތަރަފާލު އަޅައިފިއެވެ.

އިހަވަންދޫ މިސްކިތްތަކު ކާޕެޓްތައް ނަގައި، ކޮންމެ ނަމާދެއްގެ ފެށުމުގެ ކުރިންނާއި، ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކުރަނީ
ހއ. އިހަވަންދޫ މިސްކިތްތަކު ކާޕެޓްތައް ނަގައި، މިސްކިތްތައް ސާފުކޮށް، ކޮންމެ ނަމާދެއްގެ ފެށުމުގެ ކުރިންނާއި، ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކުރަމުން ގެންދަން ފަށައިފިއެވެ. އޭގެ އިތުރުން އެރަށުގެ ކައުންސިލުން ދަނީ އެރަށު ރައްޔިތުން ކޮވިޑް-19 އަށް ރައްކާތެރި ކުރުމަށް އެރަށުގެ މުވައްސަސާތަކާއި ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ހަނިމާދޫ ސާއްބަ އެކުވެރި ކްލަބުން ހަނިމާދޫގެ މިސްކިތްތަކަށް އަތް ދޮންނަ ފުޅި ހަދިޔާ ކޮށްފި

ކޮރޯނާ ވައިރަސްއިން ރައްކާތެރި ވުމަށް ރައްޔިތުންގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ހަނިމާދޫގެ ތަރައްޤީއާއި އިޖްތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކްލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކްލަބުން ހަނިމާދޫގެ މިސްކިތްތަކަށް އަތް ދޮންނަ ފުޅި ހަދިޔާ ކޮށްފިއެވެ.
ފިނޭ ކޮރޯނާ ޓާސްކް ފޯހުން ރަށުގެ ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފި
ހދ. ފިނޭ ކޮރޯނާ ޓާސްކް ފޯހުން ރަށުގެ ގެތަކަށް ޒިޔާރަތްކޮށް ކޮވިޑް-19 ގުޅޭ މަޢުލޫމާތުދީފިއެވެ. މިޒިޔާރަތުގައި ރައްޔިތުން އިތުރަށް ބޭނުންވާ މަޢުލޫމާތުދީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެހުނު ކަމަށް ފިނޭ ސިއްޚީމަރުކަޒުން ހާމަކޮށްފައިވެއެވެ.

ކުމުންދޫ ކޮވިޑް-19 ޓާސްކްފޯރސްގެ މަސައްކަތް ފަށައިފި
ހދ. ކުމުންދޫ ކޮވިޑް-19 ޓާސްކްފޯރސްގެ މަސައްކަތް ފަށައިފިއެވެ.

ނެއްލައިދޫ ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހިންގައިފި
ހދ. ނެއްލައިދޫ ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ. މިގޮތުން އެރަށު ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ދޮރުން ދޮރަށް ހިނގާފައެވެ.

މިނޫންވެސް ގިނަ ހަރަކާތްތަކެއް ތިލަދުންމަތީގެ ރަށްތަކުން ގެންދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!