ހދ. މަކުނުދޫގައި ކޮވިޑް-19 އަށް ހޭލުންތެރިކޮށް ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މިގޮތުން އިއްޔެވަނީ މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުން މަކުނުދޫގެ ގޭބިސީތަކަށް ދޮރުން ދޮރަށް ހިނގައި، ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

Ad
rt

މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުން އެރަށުގެ ގޭތަކަށް އިއްޔެ ދޮރުން ދޮރަށް ހިނގައި މައުލޫމާތު ދިނުމުގެ އިތުރަށް ކޮވިޑް-19 އާއި ބެހޭ މައުލޫމާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލުއި ފޮތެއްވެސް އެރަަށު ރައްޔިތުންނަށް ބަހާފައެވެ.

ކޮވިޑް-19 އަށް ރައްޔިތުން ރައްކާތެރި ކުރުމުގެ ފިޔަވަޅެއް ގޮތުން މަކުނުދޫ ސިއްޚީ މަރުކަޒުންވަނީ އެމަރުކަޒަށް އަންނަ ފަރާތްތަކަށް ސެނިޓޭޒަރ ބޭނުން ކޮށްގެންނާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އޭގެ އިތުރުން އެސިއްޚީ މަރުކަޒުންވަނީ އެމަރުކަޒަށް ޑަކްޓަރަށް ދައްކަން އަންނަ ފަރާތްތަށް ހޭލުންތެރިކޮށް، ސަމާލުވާންވީ ކަންކަން އަންގައިދިނުމަށް ކޮވިޑް-19 އާއި ގުޅުން ހުރި މައުލޫމާތުތައް އެފަރާތްތަކަށް ފެންނާނޭހެން ބަހައްޓާފައެވެ.

73.2 ހެކްޓަރުގެ ހދ. މަކުނުދޫއަކީ އާބާދީގައި 1،774 އަށް ވުރެ ގިނަ މީހުން ތިބި، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ.

ރާއްޖޭގެ ތާރީޚާ ގުޅިފައިވާ މުހިންމު އާޘާރީ ބިނާތަކެއް މި ރަށުގައިވާއިރު، ރަށުގެ ހުކުރު މިސްކިތަކީ އިހުޒަމާނުގެ ލިޔެލާޖެހުމުގެ މަސައްކަތް ފެންނަންހުރި ތަނެކެވެ. މީގެއިތުރުން، މިރަށަކީ އިހުޒަމާނުގައި މިރަށުގެ ފަރަށް ބޭރުގެ ބޯޓުފަހަރު އަރާފައިވާކަން ތާރީޚީ ލިޔެކިޔުންތަކުން ފެންނަން ހުރި ރަށެކެވެ.