ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރު ވަގުތީ ވޮތުން މެދު ކަނޑާލައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ ދެންނެވުމެއްގައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން އާންމުން ގިނަ އަދަދަކަށް ޖަމާވެ އުޅޭ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަގުތީ ގޮތުން ހުއްޓާލަން ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ.

Ad
rt

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާ މިވަގުތުގައި ގިނަ އަދަދެއްގެ މީހުން އެތަނަކަށް ޖަމާވެ އުޅުމަކީ ސިއްހީ ގޮތުން ރައްކާތެރިކަމަކަށް ނުވާތީ ހޮނިހިރު ބާޒާރު ކުރިއެކޭ އެއްގޮތަށް ބާއްވާނެ ތާރީހެއް ފަހުން އިޢުލާން ކުރާނެ ކަމަަށްވެސް އެ ދެންނެވުމުގައި ވެއެވެ.

މިފަދަ ކަންކަމުގައި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ އެކި ރަށްރަށުގެ ފަރާތްތަކާއި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާކަމަށްވެސް އެ ދެންނެވުމުގައި ވެއެވެ.

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރަކީ ވަރަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ބާޒާރެކެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކީ އެންމެ އުތުރު 3 އަތޮޅުގެ ރައްޔިތުން ސިއްޚީ ހިދުމަތް ހޯދުމަށާއި، ވިޔަފާރި ކުރުމާއި އެނޫންވެސް ގިނަ ބޭނުންތަކެއްގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ ދުވަހެކެވެ.

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރުން އުތުރުގެ ގިނަ ރަށްތަކެއްގައި އުފައްދާ ކާބޯތަކެއްޗާއި، ދަނޑުވެރިކަމުގެ ގިނަ އަދަދެއްްގެ ބާވަތްތައް ލިބެން ހުރެއެވެ.