ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުގެ ފަރާތުންވަނީ މިރޭ ދަރުބާރުގޭގައި ނޫސްވެެރިންގެ ބައްދަލުވުމެއްވަނީ ކުރިއަށް ގެންދަވާފައެވެ.
އެނޫސްވެެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މައުލޫމާތު ހާމަ ކުރަށްވާފައިވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަދި ސަރުކާރުގެ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒެވެ.
ރީތިރަށުން އަލާމާތް ފެނުނީ ބިދޭސީ ކުޑަކުއްޖެއްގެ ގައިން
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ކަރަންޓީނުކޮށްފައިވަނީ ބިދޭސީ ކުޑަ ކުއްޖެއްކަން ސަރުކާރުން ހާމަކޮށްފި އެވެ.
އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ މިހާރު ވަނީ ސާމްޕަލްތައް ނަގާފަ އެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހެއް ދަރުމަވަންތައަށް ބަދަލުކުރަނީ
ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހާއްސަ ކްރިޓިކަލް ކެއާ ޔުނިޓަށް ބަދަލުކުރަން ނިންމައިފިއެވެ.
އުމުރުން 70 އަހަރުގެ އެ މީހަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން ފަތުރުވެރިއެކެވެ. އޭނާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކެކެވެ. އެ ދެމަފިރިންވެސް ކަރަންޓީނުކޮށްފައި ތިބީ ފަރުކޮޅުފުށީގައެވެ.
ސަރުކާރުން ހާމަކުރެއްވި ގޮތުގައި އެދެމަފިރިން އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި އެދެމަފިރިން ތިބޭނީ ޑީއެޗް11 ފެސިލިޓީގައި ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނުވަނީ ވިދާޅުވެފައެވެ.
ބިދޭސީންނަށް ޚާއްސަކޮށް ފުލޫ ކްލިނިކެއްގެ ޚިދުމަތް ފަށައިފި
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މިހާރު ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާ ސަރުކާރުން ހާމަ ކުރައްވައިފިއެވެ.
ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުވުނު ފުލޫ ކްލިނިކް ހުންނާނީ ހުޅުމާލޭގެ ޕްރީ ސްކޫލުގައި ކަމަށާއި، އަދި މިކްލިނިކުން ހެނދުނު 10 އަކުން ރޭގަނޑު 10އަކަށް ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާއިރު، މާލޭގައި ފްލޫ ކްލިނިކް ވެސް ވަނީ ހުޅުވާފައެވެ. އަދި ޓްރެވަލް ކްލިނިކެއް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.
ރާއްޖެއިން ބޭރަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީގެ އިލްތިމާސްއެއް!
ކޮންމެހެން ޒަރޫރީ ބޭނުމަކަށް ކުރަންޖެހޭ ދަތުރެއް ނޫނިއްޔާ ރާއްޖެއިން ބޭރަށް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރާ ކަމަށް ސަރުކާރުގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އޭގެ އިތުރުން ބޭރުގެ ގައުމަކަށް ދަތުރުކުރާނަމަ މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީ ވުމަށާއި، ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އެދިރުއުޅޭ ގައުމަކާ އެންމެކައިރީގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށްވެސް މިރޭ މަބްރޫކް ވިދާޅުވިއެވެ.
ދަތުރުކުރާ ފަރާތްތަކުން އެއްވެސް ސުވާލެއް އޮތްނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅައި މައުލޫމާތު ސާފުކުރަން ވަނީ އެދިފައިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހުންނެވެ. އެ 6 މީހުންނަކީވެސް ރާއްޖެއަށް ނިސްބަތްނުވާ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!