ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އެބިދޭސީ މީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށެވެ.

Ad
rt

އޭގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ވައިރަސްއަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އޭނާ ޓެސްޓްކުރަނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެެވެ. އެގޮތުން އޭނާ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަދު އިރުއޮއްސޭހާކަށް ހާއިރު އެޗްޕީއޭއިން ވަނީ ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު) ގައި ތިބި 2 ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ 2 މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައިވާކަމަށް ބުނެފައެވެ. އެ ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް." އެވެ.