ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި، ގިނަ މެންބަރުން އިންތިހާއަށް ބޭނުންވަނީ އިންތިހާބު ކުރިއަށް ގެންގޮސް ނިންމަވައިލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބު އެ ތާރީހުގައި ބާއްވަން ޖެހޭ ކަން ނުސީދާކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

Ad
rt

"އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގޮތުން ސީދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް އަދި ރޯގާއިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތެއް ފުރަތަމަ ދަރަޖައިގައި ކުރަން އޮތީ ކައުންސިލަރުން،" ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، 6 މީހެއް އެވައިރަސްއަށް ޕޮޒިޓިވްވެފައިވާ މިދަނޑިވަޅުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލުގެ ބަހުސް ގައި ވާހަކަ ދެއްކެވި މެމްބަރުންގެ ޚިޔާލުތައް ހުރީ އިންތިޚާބު ބޭއްވުމާއި މެދު ދެކަފިކޮށެވެ.

މިއަދުގެ ޖަލްސާގައި އެމައުލޫއަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވަނީ 14 ރިސޯޓްގައި ކަމަށެވެ. އެހެންކަމުން ވޯޓު ލުމަށް ރިސޯޓްތަކުގައި ތިބޭ މީހުން އެހެން ރަށްރަށަށް ވޯޓުލާން ދިއުމާއި މާލެއާއި އެހެނިހެން ރަށްރަށުންވެސް މީހުން އެއްތަނުން އަނެއް ތަނަށް ދިއުމުގެ ބޮޑު މޫވްމެންޓެއް އިންތިހާބުގެ ތެރޭގައި އަންނާނެ ކަމަށެވެ. އަދި މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު އަންނަ ޖޫން މަހަށް ހަމަވާއިރު، ހޫނު ދެމަސް ކަމުގައިވާ މެއި މަހާއި އެޕްރީލްމަސް ދޫކޮށް އިންތިހާބު ބާއްވަން ލަސް ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އަލީ ހުސެއިން ވިދާޅުވީ، އީރާނުގައި ބޭއްވި އިންހާބުގައި މީހުން އެއްތަނަކަށް އެއްވުމުގެ ސަބުން ކޮވިޑް 19 އިތުރަށް ފެތުރި ނުރައްކާވި ކަމަށެވެ.

އިންތިހާބު ލަސް ކުރަން ޖެހޭކަމަށް ދެކޭ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ގިނަ މީހުންތަކެއް އެއްތަނަކަށް އެއްވެ އުޅުމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެކަމަށް އާންމުން ދެކޭތީއެވެ.

އެހެންނަމަވެސް ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން ހުށަހެޅުނު ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިންތިހާބު އޮންނަން ޖެހޭ ދުވަހަށް އިންތިހާބު ބާއްވަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ބިލަށް ބަހުސް ކުރައްވަމުން އެންމެ ފުރަތަމަ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އޭޕްރީލް ހަތަރުވަނަ ދުވަހު ބޭއްވުމަށް ގޮވާލެއްވި އެވެ. ގައުމަށް އޮތް ރަނގަޅު ގޮތަކީ އިންތިހާބު ލަސްނުކޮށް އެ އޮތް މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްތަކުގެ ހިންގުން ގާނޫނީ ހުސް ކަމުގެ ތެރެއަށް ދިއުމަކީ އެއީ މި ރާއްޖެއަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން. އިންތިހާބު ލަސްނުކޮށް ބާއްވަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

އެބަހުސްގައި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ވެސް ވިދާޅުވީ، އިންތިހާބު ބާއްވާން ތިން ހަފުތާއަށް ވެފައި ވަނިކޮށް ކޮރޯނާ ވައިރަސް ފެތުރެމުން މިދާ ވަގުތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވާ ގޮތަށް އިންތިހާބު ކުރިޔަށް ގެންދިއުމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެޗްޕީއޭއާ ވާހަކަ ދައްކައިގެން އިންތިހާބު ފަސް ކުރުމާމެދު ވިސްނުން މުހިއްމު ކަަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އެބަހުސްގައި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ އިންތިހާބު ބާއްވަން އޮންނަ ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބު ވެސް އެ ތާރީހުގައި ބޭއްވުމަށް ކުރަން ހުރިކަމަށް އާޒިމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަޑާއި އެއްގޮތަށް ކަން ކުރުމުން އެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ. އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ދެކޭ ގޮތެއް ބެލުމަށް ރޭގައި އެ ޕާޓީގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި ބައިވެރިވި 84 ޕަސެންޓް މީހުން ބޭނުންވަނީ މިހާރު ވެސް ކަނޑައަޅާފައި އޮތް ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ނުބާއްވައިފިނަމަ ގައުމަށް ހަމަޖެހުން ލިބެން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ޑިމޮކްރެޓިކް އިންތިހާބުތައް ފަސް ކުރުމެވެ.

މެންބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރޭ މަޖިލިސް މެންބަރުން އެއްކުރައްވައިގެން އިންތިހާބު ލަސް ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މެންބަރުންގެ ވިސްނުން ހުރީ އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.