ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް މިއަދު އަވަށްޓެެރި އިންޑިއާގެ 5 މީހަކަށް އަލަށް ޖެހިފައިވާ ކަމަށް ރިޕޯރޓްތައް ދައްކައިފިއެވެ.

ދިވެހިން އެކި ބޭނުންތަކުގައި ގިނަ އަދަދަކަށް ޒިޔާރަތްކުރާ އިންޑިއާއިން މިވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ އެޤައުމުގެ ހަރިޔާނާ ސްޓޭޓުންނެވެ. އެ ސްޓޭޓުން އެވައިރަސް ޖެހުނު 14 މީހުންނަކީވެސް ބޭރުޤައުމުތަކުގެ ރައްޔިތުންނެވެ.

Ad
rt

ދިވެހިން ބޭސް ފަރުވާއަށް ގިނަ އަދަދަކަށް ދަތުރުކުރާ ޓްރެވެންޑްރެމާއި، ކޮޗިންގ ނިސްބަތްވާ ކެރެލާ ސްޓޭޓް ހިމެނެނީ އިންޑިއާއިން ދެވަނައަށް އެންމެ ގިނައިން އެވައިރަސް ޖެހުނު މީހުން ތިބި ސްޓޭޓް ކަމުގައެވެ. އެސްޓޭޓުން 9 އިންޑިއާ މީހުންނަށް އެވައިރަސް ޖެހުނު އިރު ހަމަ އެޢަދަދަށް އެޤައުމުގެ އުއްތަރު ޕްރަދޭޝްއިން އެޤައުމުގެ ރައްޔިތުންނަށް އެވައިރަސް ޖެހިފައިވެއެވެ.

ވެރިރަށް ނިއުދިއްލީއިން އެޤައުމުގެ 4 މީހުން އެވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު އެޤައުމުގެ އިތުރު 7 ސްޓޭޓަކުން އެވައިރަސް ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނި އެޤައުމުގެ އެކި ކަންކޮޅުތަކުގައި 3،003 މީހުންވަނީ ވައިރަސްއަށް ޓެސްޓްކޮށްފައެވެ. މީގެތެރެއިން 43 މީހުން ވައިރަސްއަށް ޕޮޒިޓިވްވީ އިރު، ބާކީ 2،694 މީހުން ވައިރަސްއަށް ނެގެޓިވްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ އެއަރޕޯޓުތަކުގައި މިހާރު ވައިރަސްއަށް ސްކްރީންކުރަމުންދާއިރު، މިހާތަނަށް 8،255 ފްލައިޓަކުން އިންޑިއާއަށް ދަތުރުކުރި 8،74،708 ފަސިންޖަރުން ސްކްރީން ކޮށްފައިވާކަމަށެވެ. މީގެތެރެއިން 1،921 މީހުންގެ ހަށިގަނޑުގައި ވައިރަސްގެ އަލާމާތް ހުރިކަން ދެނެގަނެވުމާއެކު ހޮސްޕިޓަލުގައި އެކަހެރިކޮށް ފައރުވާދީފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް އައިއިރު 45 މީހަކަށް ވައިރަސް ޖެހުނުކަން އިންޑިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.