ޅ. ކުރެއްދޫ ރިސޯޓުގައި 696 ފަތުރުވެރިން އެބަތިބިކަމަށާއި، އޭގެތެރޭގައި 4 ދިވެހިން ފަތުރުވެެރިންގެ ގޮތުގައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ އޮތީ އެކަނި ނޫންކަމަށާއި، ކުރެއްދޫއާއިއެކު، ސަރުކާރު އޮތްކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުންދޭ އެހީތެރިކަމާއެކު، އެ ރިސޯޓުގައި ތިބި އެންމެންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން ފެނުނު ކުރެއްދޫ ރިސޯޓަށް ކާބޯތަކެތި އެތެރެކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އެކަމުގައި މައްސަލައެއް ދިމާނުވާނެކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ފުލުހުންނާއި، ސިފައިން މެދުވެރިކޮށް، ކުރެއްދޫއަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ކުރެއްދޫގެ ހާލަތު އޮތީ ކޮންޓްރޮލް ހާލަތެއްގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބައިމިލިއަން މާސްކް ޓޫރިޒަމް މިނިސްޓްރީގައި ރައްކާކުރެވިފައި އެބަހުރިކަމަށާއި، ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައިކަމަށްވެސް މިނިސްޓަރު އަލީ ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި އެނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދުވަނީ ކަރަންޓީންކުރާ ތަންތަން ފުރިއްޖެނަމަ، އެހެންތަންތަންވެސް ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަޖައްސާނެކަމަށް ވިދާޅުވެ، އެއްވެސް ޝޯޓޭޖެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ދެ މުވައްޒަފެއްގެ ގައިިން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ޅ. ކުރެއްދޫ ރިސޯޓްގައި މިވަގުތު 699 ފަތުރުވެރިންގެ އިތުރުން 728 މުވައްޒަފަކު އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!