ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރީނދޫ ލެވެލްއަށް މަތިކޮށްފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހިފައިވާ ދެ މީހަކު ދިވެހިރާއްޖެއިން ފެނިއްޖެކަމަށާއި މިއީ، މި ބައްޔަށް ޕޮޒިޓިވް" ކޭސްއެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރުކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާކަމަށް އެފަރާތުން ބުނެފައިވެއެވެ. އަދި މި ދެ މީހުންގެ ސާމްޕަލް ނަގައި، ޓެސްޓުތައް ވަނީ ހެދިފައިކަމަށާއި މިދެމީހުން ތިބީ އިތުރު މޮނިޓަރިންއަށް އެކަހެރިކުރެވިފައިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ކޮވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން އެކުލަވައިލާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމާބެހޭ އިދާރާތަކުން ދަނީ ޢަމަލު ކުރަމުންކަމަށް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔަކު އެނބުރި ޤައުމަށް ދިޔަ ފަހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންގުމާއިއެކު، ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް އެކަހެރިކޮށް، ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާ، އެ ފަތުރުވެރިޔާއާއި "ކޮންޓެކްޓް" ވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި، މި މަސައްކަތުގެ ދަށުން، ކުރެއްދޫއަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށް، އެ ފަތުރުވެރިޔާގެ ވަކި މިންވަރަކަށް ކޮންޓެކްޓް" ވީ ފަރާތްތައް އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުމާއެކު، ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރީނދޫ ލެވެލްއަށް މިވަނީ މަތިކޮށްފައެވެ. އަދި، ކުރެއްދޫ ރިސޯޓަށް ޚާއްޞަކޮށްގެން ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފައެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލްތަކަކީ އަކީ މިފަދަ ބަލިތަކަށް ވެވޭ ތައްޔާރީއާއި ދެވޭ އިޖާބަތައް ކަނޑައެޅުމަށާއި ގުޅުންހުރި ހުރިހާ މުއައްސަސާތައް މަސައްކަތް ކުރާނެ މިންގަނޑު ކަނޑައެޅުމަށާއި އާންމު ދިރިއުޅުމަށް އަންނާނެ ބަދަލުތައް ތަފްސީލުކުރުމަށް ހަދާފައިވާ މިންގަނޑުތަކެކެވެ.
މިނަތީޖާއާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރެއްދޫ އައިލަންޑް ރިސޯޓް ފިޔަވާ ހުރިހާ ސަރަޙައްދެއް ވަނީ ލެވެލް ރީނދޫގައެވެ.
މިހާލަތާއި ގުޅިގެން އަންނާނެ ބަދަލުތަކަކީ:
• ބަލި ފެނުނު ތަނުގައި ބަލި މީހާގެ ކޮންޓެކްޓުންނާއި އިތުރު މީހުން ސްކްރީންކޮށް ބަލި ހުރިކަން ދެނެގަތުން.
• ބަލީގެ އަލާމާތްތައް ފެންނަ މީހުން އެކަހެރި ކޮށްގެން ފަރުވާ ދިނުމާއި ކޮންޓެކްޓުން ކަރަންޓީން ކޮށްގެން ބެލެހެއްޓުން. މީގެ ތެރޭގައި ހޯމް އައިސޮލޭޝަންގައި ބޭތިއްބުމާއި ބަލި މީހާ ފެންނަ ސަރަޙައްދު ކަރަންޓީންކޮށް ބެލެހެއްޓުން.
• ޢާންމުން ހޭލުންތެރި ކުރުވުމާއި ބަލީގެ ހާލަތުގެ މަޢުލޫމާތު ހާމަކުރަމުން ދިއުން.
• ބަލިމީހުންނާއި ޢާއިލާއަށް ހިތްވަރު ދިނުމާއި ނަފްސާނީ އެހީތެރިކަން ދިނުން.
Yellow for all of Maldives except for Kure’dhoo which is on Orange alert. pic.twitter.com/zRbnmewJyi
— Abdulla Niyaf (@niyaf) March 7, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!