ޔަމަނުގެ ދެކުނު އައްސޭރިފަށާ ދިމާލުން ގަލްފް އޮފް އަދަންގެ ތެރެއިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް ހަތިޔާރުއެޅި ބަޔަކު އަރައި، އެ ބޯޓު ހައިޖެކްކޮށްފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބޯޓު ހައިޖެކްކޮށްފައިވަނީ މަސްވެރިންގެ ސިފައިގައި އައި ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕަކުން ކަމަށް ސަލާމަތީ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޔަމަނުގެ ބަލްހާފްގެ ހުޅަނގުދެކުނުން ގާތްގަނޑަކަށް 64 ނޯޓިކަލް މޭލު (120 ކިލޯމީޓަރު) ބޭރުންނެވެ. އަދި ބޯޓަށް ހަތިޔާރުއެޅި ބަޔަކު އަރާފައިވާ ކަމުގެ ރިޕޯޓު ކައްޕިތާނު ދީފައިވަނީ ޔޫޓީސީ ގަޑިން ހެނދުނު 06:30 ހާއިރު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ޔޫކޭއެމްޓީއޯ އިން ކަށަވަރުކޮށްދިން ގޮތުގައި، ބޯޓަށް އަރައިގަތް މީހުން މިހާރު ވަނީ އުޅަނދުގެ ކޮންޓްރޯލް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުފަހަރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައި އެ އިދާރާއިން މިހާރު ވަނީ ހައިޖެކް އެލާޓެއް ވެސް ނެރެފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކަނޑުގެ އަސްކަރީ މިޝަން "އޮޕަރޭޝަން އަތަލާންޓާ" ގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން ބުނީ، ހާދިސާ ހިނގި ވަގުތު ބޯޓުގެ ފަޅުވެރިން ވަނީ ރައްކާތެރި ކޮޓަރިއެއް ކަމަށްވާ "ސިޓަޑެލް" ގައި ތަޅުލައިގެން ތިބެ ރައްކާތެރިކަން ހޯދާފައެވެ. އަދި މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
ސޯމާލިއާގެ ޕުންޓްލޭންޑް ސަރަހައްދުގެ ސަލާމަތީ އޮފިޝަލުން ހާމަކުރި ގޮތުގައި، ހައިޖެކްކޮށްފައިވަނީ ޕެނަމާގެ ދިދަ ޖަހާފައިވާ "އެމްވީ މާރސާ ވާގޯ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. ޔޫއޭއީގެ މާރސާ އޯޝަން ޝިޕިން ކުންފުނީގެ މި ބޯޓުގައި 19 ފަޅުވެރިން ތިބި ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. މީގެއިތުރުން، މި އުޅަނދު ހައިޖެކްކޮށްފައިވަނީ މަސްދޯންޏެއްގައި މަސްވެރިންގެ ސިފަޖެހިގެން ގަލްފް އޮފް އަދަން ހުރަސްކޮށް އައި ސޯމާލިއާގެ ހަތިޔާރުއެޅި ހަ މީހުންގެ ގްރޫޕަކުން ކަމަށްވެސް ޕުންޓްލޭންޑްގެ އޮފިޝަލުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެފްރިކާގެ ދަޅު (ހޯން އޮފް އެފްރިކާ) ސަރަހައްދުގައި ކަނޑުފޭރުމުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ކަނޑުފޭރޭ މީހުންގެ މަދުވެގެން 16 ހަމަލާއެއް ރެކޯޑުކުރެވިފައިވާއިރު، މިއީ 2013 ވަނަ އަހަރަށް ފަހު މިފަދަ ހަމަލާތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ގަލްފް އޮފް އަދަން އަދި ރަތްކަނޑުގެ ވިޔަފާރި ބޯޓުފަހަރަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކަށް މި ހާދިސާތަކުގެ ސަބަބުން އިތުރު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!