މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު ގެންދިއުމަށް ހާއްސަ އާ އަގުތަކެއް މިއަދުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައާރަފުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ރާސްތާއަށް ބަލައި، ދެވޭ ހިދުމަތާ އެކަށީގެންވާ އަގެއް ކަނޑައެޅުމުގެ ބޭނުމުގައެވެ.

Ad
rt

އެމްޕީއެލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ކަނޑައެޅި އާ ރޭޓްތަކުގެ ދަށުން ޖީއެސްޓީ ނުހިމަނައި، 20 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 1,500 ރުފިޔާ ނެގޭނެއެވެ. އަދި 40 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 3,000 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މުދާ ބަރުކޮށްފައިވާ ފުލް ކޮންޓޭނަރު ލޯޑް (އެފްސީއެލް) ކޮންޓޭނަރުތައް ކްލިއާކުރުމުގެ ހިދުމަތް ތިލަފުށި ކާގޯ ޓާމިނަލްގައި ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ތާރީހުން ފެށިގެން އިއްޔެގެ ނިޔަލަށް ތިލަފުއްޓަށް ކޮންޓޭނަރު ފޮނުވުމުގައި ޗާޖުކުރަމުން ދިޔައީ، ކުރިން މާލޭ ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކޮންޓޭނަރު އުފުލުމަށް ކަނޑައަޅާފައި އޮތް ޓެރިފް ރޭޓެވެ. އެހެންނަމަވެސް، އަލަށް ގެނައި މި ބަދަލާ އެކުވެސް ތިލަފުށި ކާގޯ ޓާމިނަލް މެދުވެރިކޮށް އެފްސީއެލް ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އެކި މަސައްކަތްތައް މިހާރުވެސް ދަނީ ބާރަށް ހިނގަމުންނެވެ. އެގޮތުން، ތިލަފުށީ ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ކުރަމުން އަންނައިރު، އެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ވަނީ ފަށައިފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތިލަފުށީގައި ތަރައްގީކުރާ 60 ހެކްޓަރުގެ ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓޭނަރު ގެންގުޅުމުގެ ޖާގަ ތަނަވަސްވާނެއެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫއަށް އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުންމިނުގައި 14.6 މީޓަރު ހުންނަ، ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީވޯލަކާ އެކުގައެވެ. މި ކީވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނާއިރު، ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަކޮށްގެން ދެ ކިލޯމީޓަރަށް ވުރެ ދިގު ކީވޯލެއްވެސް މި ބަނދަރުގައި ހެދިގެންދާނެއެވެ.

މި އާ ބަނދަރުގައި ގާއިމުކުރާ ބައިނަލްއަގުވާމީ ކީވޯލްގެ ސަބަބުން، މުދާ ބަރުކޮށް ބޭލުމުގެ ޓާން އަރައުންޑް ޓައިމް ގާތްގަނޑަކަށް ދެ ދުވަހަށް ކުރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މިހާރު މާލޭ ވިޔަފާރި ބަނދަރުގައި އުޅަނދުފަހަރުން މުދާ ބަރުކޮށް ބޭލުމުގެ ހިދުމަތަށް ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. އަދި ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބާ ކެރޭނު ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.