ސްޕެއިން ހިންގާނީ އެ ގައުމުން ކަމަށާއި، އެ ގައުމު ހިންގާނީ ވޮޝިންޓަން ނުވަތަ ތެލް އަވީވުން ނޫން ކަމަށް ބަޔާންކުރައްވައި، ބައިނަލްއަގުވާމީ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ފަރާތްތަކުގެ ނުފޫޒާ ދެކޮޅަށް ތެދުވާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ސަންޗޭޒް މިހެން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ އާންމު އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Ad
rt

ތަރަގޯނާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވަނީ، ކުރިއަށް އޮތް އިންތިހާބަކީ ސްޕެއިންގެ ކަންކަން ނިންމާނީ އެ ގައުމުގެ އަމިއްލަ ރައްޔިތުންކަން ހާމަކޮށްދޭނެ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ސްޕެއިންގެ ވެރިކަން ހިންގާނީ ވޮޝިންޓަނުން، ތެލް އަވީވުން، ބުއެނޮސް އައިރިސް އިން ނުވަތަ މޮސްކޯއިން ނޫން ކަމަށާއި، އެ ގައުމު ހިންގާނީ ހަމައެކަނި ސްޕެއިނުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ނޮވެމްބަރު 29 ގައި އަހަރެމެން ވޯޓުން އެ މީހުންނަށް ދައްކައިދޭނަން ސްޕެއިން ހިންގާނީ ވޮޝިންޓަނުން ނޫންކަން، ތެލް އަވީވުން ނޫންކަން، ބުއެނޮސް އައިރިސްއިން ނޫންކަން، އަދި މޮސްކޯއިން ވެސް ނޫންކަން. ސްޕެއިން ހިންގާނީ ހަމަ ސްޕެއިނުން،" ސަންޗޭޒް ވިދާޅުވިއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ ކަނާތުފިޔައިގެ ހަރުކަށި ބާރުތަކުގެ އައުޓްޕޯސްޓަކަށް ނުވަތަ އެ ފަރާތްތަކުގެ ނުފޫޒު ފޯރުވާ ބެކްޔާޑަކަށް ސްޕެއިން ވިޔަ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެއްވުމުގައި ސަންޗޭޒް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ދިފާއުކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ވިސްނުން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ސްޕެއިނުން ތާއީދުކުރާ ކަމަށާއި، އިސްރާއީލާއި ފަލަސްތީނު ސުލްހަވެރިކަމާއެކު އެކުގައި އޮތުމަށް އެދޭކަން އޭނާ އަލުން ކަށަވަރުކޮށްދެއްވިއެވެ.

މީގެއިތުރުން، އަސްކަރީ ހަރަދުތައް އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ ޑިމާންޑުތަކާ ދެކޮޅަށް ނިންމެވި ނިންމެވުން ވެސް ސަންޗޭޒް ވަނީ ދިފާއުކުރައްވާފައެވެ. ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ފަސް އިންސައްތަ ދިފާއީ ހަރަދަށް ހާއްސަކުރުމަށް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، ސްޕެއިނުން އަބަދުވެސް އިސްކަންދޭނީ ތައުލީމާއި ސިއްހަތާއި އިޖުތިމާއީ އަޅާލުމުގެ އިތުރުން ޕެންޝަންގެ ހިދުމަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފިކުރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ސަންޗޭޒް ވަނީ ސްޕެއިނަކީ މުޅި ދުނިޔެއަށް ނަމޫނާ ދައްކައިދޭ ދަންމަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ހިތްވަރާއި އުންމީދު ފޯރުކޮށްދިނުމުގައި ސްޕެއިން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.