"ދީނާ ޤައުމުގެ ދިފާއުގައި" ނަމުގައި، މި މަހުގެ 13 ވާ ހުކުރު ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން ބާއްވަން ރާވާފައިވާ އާންމު ޖަލްސާ، ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ އަސަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން އެމީހުންގެ ޤައުމަށް އެނބުރިދިޔަ ފަހުން ފެނިފައިވުމުން، އެވައިރަސްގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށާއި ދިވެހީންނަށް ވެސް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާޔަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި އެހާ ރައްކާތެރި ކަމެއްކަމުގައި އެޕާޓީން ނުދެކޭތީ، މިފަދަ ޙާލަތްތަކުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހިރައްޔިތުންގެ ދުޅަހެޔޮކަމާ، ރައްކާތެރިކަމާ، ސަލާމަތަށް އިސްކަންދިނުން އެއީ ކޮންމެ ފަރުދެއްގެ ވެސް އެންމެ އިސް ޒިންމާކަމަށް ހަދަންޖެހިފައިވާ މިދަނޑިވަޅުގައި، 'ދީނާ ޤައުމުގެ ދިފާއުގައި' މިނަމުގައި، މި މަހުގެ 13 ވާ ހުކުރު ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި އެޕާޓިން ބާއްވަން ރާވާފައިވާ އާންމު ޖަލްސާ، ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމުމަށް ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ނިންމަވައިފިކަމަށެވެ.

Ad
rt

ޤައުމުގެ ޙާލަތު މިއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުން ދެންނެވުނު ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އާންމުކޮށް އިޢުލާނު ކުރެވޭނެކަމަށްވެސް އެބަޔާނުގައިވެއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ޖޭޕީން ބާއްވަން ނިންމި ޖަލްސާ ފަސްކުރިއިރު، މީގެ ކުރިން ވަނީ ރާއްޖޭގެ ބޮޑު އަނެއް ދެޕާޓީގެ ޖަލްސާ ބާއްވާފައެވެ.