ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް އަޔަލޭންޑް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ބައިވެރިނުވާން އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރު ގޭވިން ބަޒޫނޫ ނިންމައި، ޓީމުން ވަކިވެއްޖެއެވެ.
އިސްރާއީލުން ކުށެއްނެތް އާންމުން މަރަމުންދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ބަޒޫނޫ ނެގި އުސޫލީ ނިންމުމާ ގުޅިގެން، އަޔަލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) އިން ވަނީ އާދީއްތަ ދުވަހުގެ މެޗަށް އޭނާގެ ބަދަލުގައި އެހެން ކީޕަރަކު ނަގާފައިވާކަން އިއުލާންކޮށްފައެވެ.
އުމުރުން 24 އަހަރުގެ ކީޕަރު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ، އިސްރާއީލާ ދެކޮޅަށް ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިވުމަކީ ގޯހެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.
"އަހަރެންގެ ގައުމު ތަމްސީލުކުރުމަކީ އަހަންނަށް އެންމެ މުހިންމު ކަންތައް. އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއި، މެނޭޖަރާއި އޮފިޝަލުން އަދި އަޔަލޭންޑްގެ ރައްޔިތުންނަށް އަހަރެން އިންތިހާއަށް އިހުތިރާމްކުރަން. ނަމަވެސް މިއީ އަހަރެން ފަސޭހައިން ނިންމި ނިންމުމެއް ނޫން،" ބަޒޫނޫ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ މިއީ ވަކި ނަސްލަކަށް ނުވަތަ ޔަހޫދީ އުންމަތަށް ދެކޮޅުހެދުމެއް ނޫން ކަމަށާއި، ނަމަވެސް އެ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުން ކަމަށެވެ.
އިސްރާއީލާ ދެކޮޅަށް ކުޅޭ ދެ މެޗުވެސް ބޭކޮޓްކުރި ބަޒޫނޫ ބުނީ، އޭނާގެ ނިންމުން ބިނާވެފައިވަނީ ކުށެއްނެތް އާންމު މީހުން މެރުމަކީ ގޯހެއް ކަމަށް އަމިއްލައަށް ގަބޫލުކުރާ ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ. އަދި ދިރިއުޅުމުގައި ބޮޑު ކަމަކާ ދެކޮޅަށް ތެދުވާން ލިބޭ މަދު ފުރުސަތުތަކުގެ ތެރެއިން މިއީ އެފަދަ ފުރުސަތެއް ކަމަށްވެސް އޭނާ ބުންޏެވެ.
ނޭޝަންސް ލީގުގައި އަޔަލޭންޑާއި އިސްރާއީލުގެ ފުރަތަމަ މެޗު ހަންގޭރީގެ ދެބްރެސެންގައި އާދީއްތަ ދުވަހު ކުޅެފައިވާއިރު، ދެވަނަ މެޗު އޮންނާނީ އޮކްޓޯބަރު 4 ގައި ސާބިއާގެ ބަކްކާ ތޮޕޯލާގައެވެ. ހަންގޭރީއަށް ޓީމު ދިޔުމަށްފަހު ނަގްޔާރްދެއި ސްޓޭޑިއަމްގައި ބޭއްވި ފަރިތަކުރުންތަކުގައިވެސް ބަޒޫނޫ ބައިވެރިއެއް ނުވެއެވެ.
އަޔަލޭންޑްގެ ޑަބްލިންއަށް އުފަން، އަޔަލޭންޑް އަދި ނައިޖީރިއާގެ ނަސްލަށް ނިސްބަތްވާ އިސްކޮޅުގައި 6 ފޫޓު 2 އިންޗި ހުންނަ ބަޒޫނޫއަކީ އަޔަލޭންޑްގެ 15 އަހަރުން ދަށުގެ ޓީމުން ފެށިގެން ގައުމީ ޓީމުތަކުން ޖާގަ ހޯދަމުން އައިސް، 2021 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެންމުން އަންނަ ކީޕަރެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ އެކަޑަމީގައި 3 އަހަރު ހޭދަކޮށްފައިވާ ބަޒޫނޫ ވަނީ ފާއިތުވި 5 އަހަރު ތެރޭގައި އަޔަލޭންޑަށް 22 މެޗު ކުޅެދީ، 1 ނަންބަރު ޖާޒީގައި ޓީމުގެ އެއްވަނަ ކީޕަރުގެ މަގާމު ހޯދާފައެވެ. ނައިޖީރިއާގެ ގައުމީ ޓީމަށް އޭނާ ގެންދަން އެ ގައުމުން މަސައްކަތްކުރި ނަމަވެސް، އޭނާ ނިންމީ އުފަން ގައުމަށް ކުޅޭށެވެ.
Well done to Ireland goalkeeper Gavin Bazunu for taking the principled decision to withdraw from the game against Israel.
He should never have been put in this position, but he has shown immense moral courage and integrity by doing the right thing in the face of genocide.
— Jeremy Corbyn (@jeremycorbyn) September 27, 2026
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ނުކުޅުމަށް އަޔަލޭންޑްގެ އާންމުން ފެބްރުއަރީ މަހުން ފެށިގެން ގޮވާލަމުންދިޔަ ނަމަވެސް، އެފްއޭއައި އިން ވަނީ އެ މެޗުތައް ކުޅެން ނިންމާފައެވެ. ބަޒޫނޫއަކީ މި މެޗުތަކުގައި ބައިވެރިނުވާން ފާޅުގައި ދެކޮޅުހެދި ހަމައެކަނި ކުޅުންތެރިޔާއެވެ. އަޔަލޭންޑްގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ، އުމުރުން 73 އަހަރުގެ ބްރަޔަން ކެރް ވަނީ ބަޒޫނޫގެ ނިންމުމަށް ތައުރީފުކޮށް، އެފްއޭއައިގެ އަމަލުތަކަށް ފާޑުކިޔާފައެވެ. ކެރް ބުނީ ބަޒޫނޫ ހުރީ އެފްއޭއައި އާއި ބައެއް ކުޅުންތެރިންގެ ފަރާތުން އެކަހެރިކޮށްލުމުން ދެރަވެފައި ކަމަށާއި، އިސްރާއީލު މެޗާ މެދު ހޮނިހިރު ދުވަހު ކުޅުންތެރިންގެ މެދުގައި ނެގި ވޯޓުގައިވެސް ބަޒޫނޫ ބައިވެރިކޮށްފައި ނުވާ ކަމަށެވެ. އަދި ބްރާސްފަތި ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗު އޮއްވައި، އޭނާ ޓީމުން ދޫކޮށްލަން އެންގުމަކީ ލަދުވެތި ކަމެއް ކަމަށްވެސް ކެރް ބުންޏެވެ.
ބަޒޫނޫގެ މި ނިންމުމަށް އަޔަލޭންޑްގެ ސިޔާސީ ފަރާތްތަކާއި، ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން 'އެކްސް' ގައި ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް ނުކުޅެން ބަޒޫނޫ ނެގީ ގަތުލުއާންމާ ދެކޮޅަށް އަޚްލާގީ ގޮތުން ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. މީގެއިތުރުން އިނގިރޭސި ހައުސް އޮފް ލޯޑްސްގެ މެންބަރު ސައީދާ ވާރްސީވެސް ވަނީ ބަޒޫނޫގެ އުސޫލީ ނިންމުމަށް ސާބަސް ދެއްވައި ތައުރީފު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!