ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 5 އަހަރު ދުވަހުގެ އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމެކެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލްތައް ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
މަޝްރޫޢު ވިލަރެސްކުރާ ކޮމިޓީ
މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރުމަށްޓަކައި، މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށް ވަނީ ނިންމަވާފައެވެ. މި ކޮމިޓީގައި ކަމާގުޅުންހުރި މުހިންމު ވުޒާރާތަކާއި މީޑިއާ ހިމެނެއެވެ.
އެގޮތުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދާރާތަކަކީ:
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއެކު، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ދުވަހެއް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހަކީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރާ ދުވަސް ކަމުގައި ހަމަޖެއްސެވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!