ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި، އިމާރާތެއްގެ ކުނިބުނިތަކުގެ އަޑީގައި ތާށިވެފައި އިން 64 އަހަރުގެ އަންހެނަކު، ހާދިސާ ހިނގިތާ 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

ނުވާކޯޓް ޑިސްޓްރިކްޓްގެ ބެޓްރާވަޓީ ސަރަހައްދުން ސަލާމަތްކޮށްފައިވަނީ ޗަންދުރިކާ (ޗަންދިކާ) ކުމާރީ ޝްރެސްތާ އެވެ. އޭނާ ސަލާމަތްކުރިއިރު، އާއިލާއިން އޭނާ މަރުވެއްޖެ ކަމަށް ނިންމައި، ހިންދޫ ދީނުގެ އާދަކާދައިގެ މަތިން ޖަނާޒާގެ ކަންކަން ދިޔައީ ކުރިއަށް ގެންދަމުންނެވެ.

Ad
rt

މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓޭކޯޝީ އަދި ތުރިޝޫލީ ކޯރުގެ ބޭސިންތަކަށް އައި ގަނޑުފެނާއި ގަލުގެ ކޮޅިގަނޑަކާ ގުޅިގެން އުފެދުނު ކުއްލި ފެންބޮޑުވުމުގެ ތެރޭގައެވެ. މިއޮޔާއެކު ޗަންދުރިކާ ދިރިއުޅުނު ގެ ހުރި ތަނުން އުފުރައިގެން ގާތގަނޑަކަށް 100 މީޓަރު ދުރަށް އޮޔާގޮސް، ތުރިޝޫލީ ކޯރުގެ އަރިމަތީގައި ތާށިވިއެވެ. އަދި އެ ގޭގެ ގާތގަނޑަކަށް ހަތަރު ބުރިއާ ހަމައަށް މަޑާއި ތެތް ފަސްގަނޑު ވަދެ ވަނީ ފުރިފައެވެ. ނަމަވެސް، ޗަންދުރިކާ ސަލާމަތްވީ އިމާރާތުގެ އެންމެ މަތީ ބުރީގެ ކުޑަ ބައެއް ފަސްގަނޑުން ނިވާނުވެ އޮތުމުން، އެތަނުގައި އުފެދުނު ވައިގެ ގޮޅިއެއްގެ ތެރޭގައި ހުރުމުން ނޭވާލެވޭނެ މަގު ފަހިވެފައި އޮތުމުންނެވެ..

އޭނާ ފެނިފައިވަނީ ނޭޕާލްގެ އާމްޑް ޕޮލިސް ފޯސް (އޭޕީއެފް) އާއި ނޭޕާލް ޕޮލިސް ގުޅިގެން ހިންގި ހަރަކާތެއްގެ ތެރެއިން އެ ސަރަހައްދުން ދިޔަ ޓީމަކަށް "ސަލާމަތްކުރޭ" ކިޔައި ވަރަށް މަޑުން ގޮވަމުންދިޔަ އަޑު އިވުމުންނެވެ. ސަލާމަތްކުރާ ފަރާތްތަކުން އަތުން މަޑުތައް ކޮނެ، އިމާރާތުގެ މަތީ ކުޑަދޮރެއް މެދުވެރިކޮށް އެތެރެއަށް ވަދެ އޭނާ ވަނީ ނެރެފައެވެ. ސަލާމަތްކުރެވުނުއިރު އޭނާ އޮތީ ސެމީ-ކޮންޝިއަސް ހާލަތެއްގައި ކަމަށާއި ފަޔަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެއެވެ. ސަލާމަތްކުރުމަށްފަހު، ނޭޕާލީ އާމީގެ ހެލިކޮޕްޓަރެއްގައި އޭނާ އެންމެ ފުރަތަމަ ގެންދެވުނީ ވަގުތުން ފަރުވާ ދިނުމަށްޓަކައި ތުރިޝޫލީ އަށެވެ. އެއަށްފަހު އިތުރު ފަރުވާއަށް ކަތުމަންޑޫގައި ހުންނަ ބީރެންދުރަ މިލިޓަރީ ހޮސްޕިޓަލަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

ޗަންދުރިކާ ހޯދުމުގެ މަސައްކަތް ނުރައްކާތެރި މަޑުތަކުގެ ތެރޭގައި އާއިލާއިން އަށް ދުވަސް ވަންދެން ކުރިއަށް ގެންދިޔުމަށްފަހު، އޭނާ ދިރިހުއްޓާ ފެންނާނެކަމުގެ އުންމީދު ވަނީ ގެއްލިފައެވެ. އޭނާ މަރުވެއްޖެކަމަށް ނިންމައި، އާއިލާއިން ކަތުމަންޑޫގައި ހުންނަ ގޭގައި ހިންދޫ ދީނުގެ އާދަކާދައިގެ މަތިން 11 ދުވަހުގެ ޖަނާޒާގެ ރަސްމިއްޔާތު ފެށިއެވެ. އަދި އޭނާގެ ހަށިގަނޑުގެ ބަދަލުގައި ބޭނުންކުރީ 'ކުޝާ' ހުއި ބޭނުންކޮށްގެން ހަދާފައިވާ ރަމްޒީ ބުދެކެވެ.

މި ޖަނާޒާގެ އެންމެ ފަހުގެ ކަންކަން ކުރިއަށްދަނިކޮށް، އާއިލާއަށް ލިބުނު ފޯނު ކޯލަކުން ލިބުނީ ޗަންދުރިކާ ސަލާމަތުން ހުއްޓާ ފެނިފައިވާ ކަމުގެ އުފާވެރި ޚަބަރެވެ. މުޅި ނޭޕާލުން 1,300 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދިޔަ މި ނުރައްކާތެރި ފެންބޮޑުވުމުގެ ތެރެއިން އޭނާ ދިރިހުއްޓާ ސަލާމަތްވުމަކީ، މުޅި ގައުމަށްވެސް ލިބިގެންދިޔަ އުންމީދީ ޚަބަރެކެވެ.