ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ.

Ad
rt

މި އޮޕަރޭޝަނަކީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަކީ މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި މާމެންދޫގެ ދެ ގެއިން ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް 5 ދުވަސް ވަނީ ދީފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، މި މައްސަލަ އަޕަރ ސައުތު ޕޮލިސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.