ސްޕޭނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 31 އަހަރުގެ ރައިޓް ބެކް މާކޯސް ލޮރެންޓޭ، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންއަންނަ ލޮރެންޓޭ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރީ ބުރާސްފަތި ދުވަހުއެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އެ ޓީމަށް 27 މެޗު ކުޅެދިނުމަށްފަހުއެވެ.
ލޮރެންޓޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި މެސެޖެއްގައެވެ. މި މެސެޖާއެކު އޭނާ ވަނީ މިދިޔަ ޖުލައި މަހު ސްޕޭނުން ހޯދި ތަށި ހިފަހައްޓައިގެން ހުރި ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ގައުމީ ޓީމުން ރިޓަޔާކުރުމަށް ނިންމި ނިންމުމަކީ ވޯލްޑް ކަޕް ފެށުމުގެ ކުރިންވެސް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އޭނާގެ މެސެޖުގައި ބުނެފައިވަނީ މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި އަމިއްލަ ނިންމުމެއް ކަމަށެވެ.
"އަހަރެން އަދިވެސް މިއީ ޒުވާން އުމުރެއްކަން ގަބޫލުކުރަން. އަދި ރަނގަޅަށް ކުޅެމުންދިޔަނަމަ، މި ޖާޒީގައި ކުޅެން އަދިވެސް އަހަރުތަކެއް އޮތީސް،" ލޮރެންޓޭ ބުންޏެވެ.
"އަހަރެންނަށް އެނގޭ ތިޔައިގެ ތެރެއިން ގިނަ ބަޔަކަށް މި ނިންމުން ނުވިސްނޭނެކަން. އަދި ބޭރުން ބަލާ މީހަކަށް އަހަރެންނަށްވެސް މިއެއް ނުވިސްނުނީސް. ނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނައި، ހިތުގެ އަޑިން ނިންމި އަމިއްލަ ނިންމުމެއް." ލޮރެންޓޭ ބުންޏެވެ.
ލޮރެންޓޭ ވަނީ ގައުމީ ޓީމުގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށާއި އޭނާގެ އާއިލާއަށް އުފާވެރި، ހަނދާނުން ނުފިލާނެ ވަގުތުތަކެއް ހޯދައިދިނުމުގައި އެހީތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.
"އަހަރެން ތަޖުރިބާކުރި ކޮންމެ ކަމަކަށް، ހާއްސަކޮށް މި ފާއިތުވި 52 ދުވަހަށް އަބަދުވެސް ރައްކާތެރިކަމާއެކު ހަނދާން ބަހައްޓާނަން. އިސްޕޭން އެންމެ މައްޗަށް ގެންދިއުމަށްޓަކައި އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކުރި މޮޅު ގްރޫޕަކާއެކު. އަދި އެކަން އެ މީހުން ހާސިލުކުރި،" އޭނާ ބުންޏެވެ.
ލޮރެންޓޭ އެންމެ ފުރަތަމަ ސްޕޭނުގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވާދަކުރި އިސްޕޭން ސްކޮޑުގައި ހިމެނިފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިސްޕޭނުން ކާމިޔާބުކުރި ޓީމުގައި އޭނާ ހިމެނިފައެއް ނުވެއެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރަމުން ލޮރެންޓޭ ބުނީ ގައުމު ރެޕްރެޒެންޓްކުރުމާއި މި ތާރީޚުގެ ބައެއްގެ ގޮތުގައި ވެވިގެންދިއުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އެތުލެޓިކޯ މެޑްރިޑްގެ މި ކުޅުންތެރިޔާ ގައުމީ ކެރިއަރު ނިންމާލީ 27 މެޗު ކުޅެ، އިސްޕޭނާއެކު ތާރީޚީ ކާމިޔާބީއެއް ހާސިލުކުރުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!