މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ވެސް ވަނީ ސްޓިކާއެއް ދީފައެވެ.
އޭގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށްފައިވެއެވެ. އަދި އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި، ހެޔޮދުއާގެ ކާޑު ވަނީ ހަދިޔާކޮށްފައެވެ.
މި ހަރަކާތްތަކުގެ ތެރޭގައި، މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ފުލުހުން ޒިޔާރަތްކޮށް، ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ވަނީ ބަލައިފައެވެ.
އެގޮތުން މަސައްކަތުގެ މާހައުލާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭ އިރުޝާދާއި ލަފާ އެ ފަރާތްތަކަށް ދީފައިވާ ކަމަށް މާލޭ ޕޮލިހުން ބުނެއެވެ.
މާލޭ ޕޮލިހުން ބުނި ގޮތުގައި، މި ހަރަކާތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލައަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!