ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މާލީ ގާބިލުކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމުގެ ގޮތުން، އެފަދަ ޚިދުމަތްތައް ދޭ ތަންތަނުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށް ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފިއެވެ.
މި އިސްލާހާއެކު، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު ވަނީ 2،000،000 (ދެ މިލިއަން) ރުފިޔާއަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން، ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 (އެކު މިލިއަން) ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ.
ގަވާއިދަށް ގެނެވުނު އިސްލާހާއެކު ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދޭ ތަންތަނުން ކުރިން 500،000 ރުފިޔާ ބަހައްޓަންޖެހުނު ނަމަވެސް އެ އަދަދު މިހާރު ވަނީ 2،000،000 ރުފިޔާއަށް މަތިކޮށްފައެވެ. އަދި ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތާއި ރެމިޓެންސްގެ ޚިދުމަތް ދޭ ފަރާތްތަކުން ކުރިން ބަހައްޓަންޖެހޭ 200،000 ރުފިޔާގެ އަދަދުވެސް ވަނީ 2،000،000 ރުފިޔާއަށް އިތުރުކޮށްފައެވެ.
އޭގެ އިތުރުން، ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭ ފަރާތްތަކުން މީގެ ކުރިން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހެނީ 100،000 ރުފިޔާއެވެ. ނަމަވެސް އާ އިސްލާހާއެކު އެ ދެ ޚިދުމަތް ދޭ ފަރާތްތަކުންވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން 1،000،000 ރުފިޔާ ބަހައްޓަންޖެހޭނެއެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުމެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!