ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހޭދަވި 11 ދުވަހުގެ ތެރޭގައި ތެލުގެ އާމްދަނީން ބޭރު ފައިސާގެ ގޮތުގައި 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އީރާނުގެ މަރުކަޒީ ބޭންކުގެ ރިޒާވަށް ޖަމާކޮށްފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ފާރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ފައިސާ ވަނީ ސީދާ ބޭރު ފައިސާގެ ރިޒާވަށް އިތުރުކޮށްފައެވެ. މިއީ މަރުކަޒީ ބޭންކަށް ބޭނުންވާ ބޭރު ފައިސާގެ ބޭނުންތައް ފުއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މާރިޗު 21 ގައި ފެށުނު މާލީ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ވަނީ، އަހަރީ ބަޖެޓުގައި ތެލުގެ އާމްދަނީގެ ގޮތުގައި ހޯދުމަށް އަމާޒުކުރި މިންވަރުގެ %80 އަށް ވުރެ މައްޗަށް އަރާފައެވެ.
މި ރިޕޯޓު އައިސްފައިވަނީ، ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ތެޔޮ އެކްސްޕޯޓްކޮށްގެން ބޭރު ފައިސާގެ ގޮތުގައި ލިބުނު 7.5 ބިލިއަން ޑޮލަރު މަރުކަޒީ ބޭންކަށް ޖަމާކޮށްފައިވާ ކަމަށް އީރާނުގެ އޮއިލް މިނިސްޓްރީން އޯގަސްޓް މަހުގެ ފަހުކޮޅު ހާމަކޮށްފައިވަނިކޮށެވެ.
އީރާނުން މިކުރިއެރުން ހޯދާފައި މިވަނީ އެމެރިކާގެ އިންޒާރާއެކު އެތައް ގައުމަކުން އީރާނާއެކު ވިޔަފާރިކުރަން ފަސްޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަދި އީރާންގެ އާމްދަނީ ބަންދުކުރުމަށް އެމެރިކާއިން ދަނީ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!