އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގެ ދެކުނުގައި އޮންނަ ޚިރްބަތު އަލް-ތަބާން އަވަށުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމާ ގުޅިގެން، އޮކްޓޯބަރު 2023 ގެ ފަހުން އިސްރާއީލުން ރައްޔިތުން އެއްކޮށް ހުސްކޮށްލި 66 ވަނަ ފަލަސްތީނު އަވަށަކަށް އެ އަވަށް ވެފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީސަލެމް އިން ބުނެފިއެވެ.

ބީސަލެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހެބްރޮންގެ ދެކުނުގައި އޮންނަ މި އަވަށަށް އިސްރާއީލު ސިފައިން ވަދެގަނެ، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެ އަވަށުގެ ހުރިހާ ގެދޮރެއް ބިމާ ހަމަކޮށްފައިވާ ކަމަށެވެ. އެ އަވަށުގައި ދިރިއުޅެމުން ދިޔައީ 28 ކުޑަކުދިން ހިމެނޭހެން 12 އާއިލާއެއްގެ ގާތްގަނޑަކަށް 70 މީހުންނެވެ.

Ad
rt

"އިސްރާއީލު ސިފައިން އެންމެ ގެއެއް ވެސް ކޮޅަށް ހުންނާނެ ގޮތެއް ނުހަދާ،" އެ ޖަމާއަތުން ހާމަކުރިއެވެ. މީގެ އިތުރުން ކަންބަޅި ގެންގުޅޭ ކޮށިތަކާއި، ފެން ތާންގީތަކާއި، ގުދަންތަކުގެ އިތުރުން އެ ސަރަހައްދުގައި ހުރި ހޮހަޅަތައް ވެސް ވަނީ ހަލާކުކޮށްލާފައެވެ.

ބީސަލެމް އިން ހާމަކުރި ގޮތުގައި، 66 އަވަށެއް އެއްކޮށް ހުސްކޮށްލުމުގެ އިތުރުން އިތުރު 18 އަވަށަކުން ބައެއް މީހުން ވަނީ ގަދަކަމުން ނެރެލާފައެވެ. މި އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 2,339 ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭ ގޮތަށް ޖުމްލަ 4,931 މީހުން ވަނީ ގެދޮރުން ބޭރުކޮށްލާފައެވެ.

"ހުޅަނގު އައްސޭރީގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ތެރެއިން ފަލަސްތީނުގެ މުޖުތަމައުތައް ނައްތާލުން އިސްރާއީލުން އަންނަނީ އިތުރަށް އަވަސްކުރަމުން،" ބީސަލެމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޔޫލީ ނޮވަކް ވިދާޅުވެފަވެއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން މިކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި ހިމޭނުން ތިބި ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ބުނާ ގޮތުގައި، މިދިޔަ ޖުލައި މަހު އެކަނިވެސް އިސްރާއީލުން ވަނީ ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 831,000 އަކަމީޓަރުގެ ބިން ފޭރިގަތުމަށް 31 އަމުރެއް ނެރެފައެވެ. އަދި އެ މަހު ފަލަސްތީނު ރައްޔިތުންނާއި މުދަލަށް އަމާޒުކޮށް 2,256 ހަމަލާއެއް ދީފައިވާ ކަމަށްވެސް އެ ކޮމިޝަނުން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ގަދަކަމުން ގެދޮރުން ނެރުމާއި، ގެދޮރު ތަޅާލުމުގެ އިތުރުން ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ އަމަލުތައް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.