ޖަރުމަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން، ދެވަނަ ޑިވިޝަނުގެ އޮސްނަބްރޫކް 4-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ފަސޭހަކަމާއެކު ދަތުރުކޮށްފިއެވެ.
ބުދަ ދުވަހު ކުޅުނު މި މެޗުގައި ބަޔާންގެ ތަރި ހެރީ ކޭން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗު ފަށައިގެން ކުރީކޮޅު އޮސްނަބްރޫކްގެ ރޮބިން މައިސްނާ ވަނީ ގާތްގަނޑަކަށް 30 މީޓަރު ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. އެ މޮޅު ލަނޑަށް ކޭން އަދި ބަޔާންގެ ކީޕަރު ޖޯނަސް އުރުބިގް ވެސް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ކޭން ވަނީ ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ޓޮމް ބިޝޯފް ވަނީ ލަނޑެއް ޖަހައި ބަޔާނަށް 2-1 އިން ލީޑު ނަގައިދީފައެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ މި މެޗުގައި ބޮޑެތި ބަދަލުތަކެއް ނުގެނެސް، ކޭން، ލުއިސް ޑިއާޒް އަދި މައިކަލް އޮލީސޭ ފަދަ މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމެނިއެވެ. އަދި ޕީއެސްވީ އެއިންދޯވަން އިން އަލަށް ގުޅުނު އިސްމާއިލް ސައިބާރީ ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފައެވެ. ބަޔާނުން މެޗުގެ ނަތީޖާ ޔަގީންކުރީ 73 ވަނަ މިނެޓުގައި އޮލީސޭ ޖެހި ލަނޑުންނެވެ. އަދި ފަހު ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކޭން ކާމިޔާބުކުރި ލަނޑެކެވެ.
ނާރުގެ މައްސަލައަކާ ގުޅިގެން ޕްރީ-ސީޒަންގެ ދެ މެޗެއްގައި އަނބުރައިގަނެގެން ވެއްޓުނު ޖަރުމަނުގެ ތަރި ޖަމާލް މުސިއާލާ އަދިވެސް ހުރީ ކުޅުމާ ދުރުގައި ކަމަށްވާތީ، މި މެޗުގެ ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ. އަންނަ ހޮނިހިރު ދުވަހު ލީގުގައި ޝާލްކޭއާ ދެކޮޅަށް ކުޅޭ މެޗުގައި މުސިއާލާ ފެނިދާނެތޯ ސުވާލުކުރުމުން ކޯޗު ކޮމްޕެނީ ބުނީ، އޭނާ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. "އެކަމަކު އަހަރެން ބޭނުމެއް ނޫން އޭނާއަށް އެއްވެސް އިތުރު ޕްރެޝަރެއް ދޭކަށް،" ކޮމްޕެނީ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!