މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިޒުމީރު މުހައްމަދު އަހުމަދު ދީދީގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރަން ނިންމައިފި އެވެ.

ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒަށް ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.

Ad
rt

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އޭޕްރީލް މަހު އެވެ. އެހެންވެ, އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރަން އެދުނެވެ.

ނަމަވެސް ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވާ ގޮތުން އެ ދެ މީހުން ބަންދުކުރަން އެދުނު އެދުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފައިވާތީ ކަމަށެވެ. އަދި އެ މީހުން ދޫވެފައި ތިބޭއިރު, ޝަރުތުތަކެއް ކުރުމަށް އެދިފައިވީ ނަމަވެސް ބަންދުގައި ނެތް ބައެއްގެ މައްޗަށް ޝަރުތެއް ނުކުރެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއު އާއި ފަނޑިޔާރު އިބްރާހިމް މާހިރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

އެ މައްސަލާގައި ފަނޑިޔާރު ރައުފްގެ ރައުޔަކީ ބަންދުން ދޫވެފައި ތިބޭއިރު ވެސް ޝަރުތުތަކެއް ކުރެވިދާނެ ކަމަށެވެ.