އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ،
- ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި،
- މެހެމާންދާރީގެ ދާއިރާއިންނާއި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުން.
- ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން
މި ބައްދަލުކުރެއްވުމުގެ ތެރެއިން އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހަދިޔާކުރައްވާފައެވެ.
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅިފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މީގެ ކުރިން މި ޖަމްޢިއްޔާއަށް ކިޔަނީ އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗަރ (އައިސީސީއައިއޭ) އެވެ. 1977 ގައި އުފެއްދި މި ޖަމްޢިއްޔާގެ މައި މަރުކަޒު ހުންނަނީ ޕާކިސްތާނުގެ ކަރާޗީގައެވެ. އަދި ޤާހިރާ، އިސްތަންބޫލް އަދި ޖިއްދާގައި ސަރަޙައްދީ އޮފީސްތައް ޤާއިމުކުރެވިފައިވާއިރު، މި ޖަމްޢިއްޔާއަކީ އޯއައިސީގެ 57 މެންބަރު ޤައުމުގެ ޤައުމީ ޗެމްބަރުތަކާއި ވިޔަފާރި ޖަމްޢިއްޔާތައް ތަމްސީލުކޮށްދޭ ޕްރައިވެޓް ސެކްޓަރުގެ މައި އަޑެވެ.
މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމާއި، ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމެވެ.
އައިސީސީޑީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމަށްޓަކައި ބީޓްބީ ފޯރަމްތަކާއި ޓްރޭޑް ފެއަރތައް ބޭއްވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޒުވާނުން އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިކަން ދިނުން ހިމެނެއެވެ. މީގެއިތުރުން ހަލާލް ސެޓްފިކޭޝަނާއި ކޮލިޓީ މިންގަނޑުތައް އެއްހަމަކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ގްރީން އިންވެސްޓްމަންޓްތަކާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއެރުވުމަށްވެސް މަސައްކަތްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!