އާޖެންޓީނާގެ ސުޕަސްޓާރު ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކުރިކަން ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ.

މިއާއެކު އޭނާ ޤައުމީ ޓީމަށް ކޮށްދިން 21 އަހަރުގެ ޚިދުމަތަށް ނިމުން އައިސްފައިވާއިރު، މި ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ ތާރީޚު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ސަފުން އޭނާގެ ޖާގަ ކަށަވަރުކުރުމެވެ.

Ad
rt

"މިއީ ނިންމަން ވަރަށް އުނދަގޫވި އަދި މިހާރުވެސް ހިތަށް ވަރަށް ތަދުވާ ނިންމުމެއް، އެކަމަކު ވަގުތު ޖެހިއްޖެކަން އަހަންނަށް ޤަބޫލުކުރެވޭ،" އުމުރުން 39 އަހަރުގެ މެސީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައިވެއެވެ.

މޭޖަރ ލީގު ސޮކަރގެ އިންޓަރ މިއާމީއާއެކު ކްލަބް ލެވެލްގައި ކުޅުން ކުރިއަށްގެންދާނެ މެސީ ވަނީ ރެކޯޑް ހަމަހަމަކޮށް، ޖުމްލަ ހަ ވޯލްޑް ކަޕެއްގައި ކުޅެފައެވެ. އޭނާ މޮޅު ކުޅުމެއް ދެއްކި ޤަތަރުގެ މުބާރާތް މީގެ ހަތަރު އަހަރު ކުރިން ކާމިޔާބުކުރިއިރު، 2014 ވަނަ އަހަރާއި އަދި މި އަހަރުވެސް އޭނާ ވަނީ އާޖެންޓީނާ ފައިނަލަށް ގެންގޮސްދީފައެވެ. މި އަހަރު ނިއު ޖަރޒީގައި ކުޅުނު ފައިނަލުގައި އިތުރު ވަގުތުގައި އާޖެންޓީނާ ބަލިވީ ސްޕެއިން އަތުންނެވެ.

މެސީއާ އަބަދުވެސް އަޅާކިޔާ އޭނާގެ އެއް ޤައުމުގެ ޑިއޭގޯ މަރަޑޯނާ އަދި ބްރެޒިލްގެ ލެޖެންޑް ޕެލޭއާއެކު، އޭނާ ބެލެވެނީ ތާރީޚު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައެވެ. ގިނަ ބައެއްގެ ނަޒަރުގައި އޭނާއަކީ އެއްވަނައެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ އެންމެ ފުރިހަމަ މަސައްކަތް ކުރިކަމަށް ހުވާކޮށް ބުނަން، ހަމައެކަނި އަހަރެމެން ހުރިހާ އެއްޗެއް ކާމިޔާބުކުރި މި ފަހު އަހަރުތަކުގައެއް ނޫން، އޭގެ ކުރިންވެސް،" މެސީ ލިޔެފައިވެއެވެ.

މެސީ ވޯލްޑް ކަޕް ފައިނަލްގައި ސްޕޭނާ ދެކޮޅަށް ކުޅުމަށްފަހު ސަޕޯޓަރުންނާއި ކުރިމަތިލައިގެން ފެންކަޅިވެފައި

"މި ޖާޒީއަށްޓަކައި، ތިޔަބައިމީހުންނަށް އުފާވެރިކަން ގެނެސްދީ އަދި ފުޓްބޯޅައިގެ ޒަރީޢާއިން އާޖެންޓީނާ މީހަކަށް ވީތީ ފަޚުރުވެރިވާނެ ފަދަ އިހުސާސެއް ކޮށްދިނުމަށްޓަކައި އަހަރެން އަބަދުވެސް ދަނޑުމަތީގައި ހުރިހާ ހިތްވަރެއް ލައިގެން ހަނގުރާމަކުރިން." މެސީ ލިޔެފަވެއެވެ.

މެސީ ވަނީ އާޖެންޓީނާއަށް 207 މެޗު ކުޅެދީ، 125 ލަނޑާއެކު އެ ޤައުމުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. މީގެ ތެރެއިން 21 ލަނޑަކީ ވޯލްޑް ކަޕްގައި ޖެހި ލަނޑުތަކެވެ. ފިރިހެނުންގެ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އޭނާއަށްވުރެ ގިނައިން ލަނޑު ޖަހާފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ އޭނާގެ ޒަމާންވީ ވާދަވެރިޔާ، ޕޯޗުގަލް ޓީމުން އަދި ރިޓަޔަރކުރިކަން އިޢުލާނުނުކުރާ، 146 ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފަހުން ބޭއްވުނު މުބާރާތުގައި މެސީ ވަނީ އެއް މަސްދުވަހަށް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. ނަމަވެސް މުބާރާތް ނިމުނުއިރު އޭނާ އުޅުނީ ފްރާންސްގެ ކިލިއަން އެމްބާޕޭއަށްވުރެ އެއް ލަނޑު ފަހަތުގައެވެ.

މެސީ ވޯލްޑް ކަޕް ފައިނަލްގައި ސްޕޭނާ ދެކޮޅަށް ކުޅުމަށްފަހު ސަޕޯޓަރުންނާއި ކުރިމަތިލައިގެން ފެންކަޅިވެފައި

ވޯލްޑް ކަޕް ފައިނަލަށްފަހު ދެ ދުވަސް ތެރޭގައި މެސީ ނިންމި ނިންމުން

ސޯޝަލް މީޑިއާގައި ޝާއިޢުކުރި ދިގު ޕޯސްޓެއްގައި މެސީ ބުނެފައިވަނީ، އޭނާއަށް މާބޮޑު ކުޅުމެއް ނުދެއްކުނު ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު ދެ ދުވަސް ފަހުން، ޖުލައި 21 ގައި އޭނާގެ ރިޓަޔަރމަންޓް ސިޓީ ލިޔުނު ކަމަށެވެ. އެހެންނަމަވެސް އެ ޕޯސްޓް ޢާންމުކުރުން ފަސްކުރީ އޭނާގެ ބައްޕަގެ ޞިއްޙީ ހާލަތު ދެރަވެ، އެންމެ ފަހުން އެ ބަލީގައި ބައްޕަ ނިޔާވުމާ ގުޅިގެންނެވެ.

ހޯރހޭ މެސީ ނިޔާވީ އޮގަސްޓް 8 ވަނަ ދުވަހު، އޭނާގެ އުފަން ރަށް ރޮސާރިއޯގައެވެ.

2005 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އާޖެންޓީނާ މޮޅުވި ދެ ލަނޑުވެސް ޖަހައި މޮޅު ކުޅުމެއް ދެއްކިތާ ދެ މަސް ފަހުން، އުމުރުން 18 އަހަރުގައި މެސީއަށް ސީނިއަރ އާޖެންޓީނާ ޓީމުން ފުރުޞަތު ލިބުނެވެ. އޭނާގެ ފުރަތަމަ މެޗު ދެމިއޮތީ އެންމެ ދެ މިނެޓަށެވެ. ބުޑަޕެސްޓްގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެސީއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެސީ އުފާފާޅުކުރަނީ، ފޮޓޯ: ރޮއިޓާސް

ޤައުމީ ޓީމާއެކު އޭނާ ކުރި ދަތުރަކީ މާޔޫސްކަން ގިނަ ދަތުރެކެވެ. ވިދިވިދިގެން ބޮޑު ތިން މުބާރާތުގެ ފައިނަލުން ބަލިވުމާ ގުޅިގެން 2016 ވަނަ އަހަރު އޭނާ ވަގުތީ ގޮތުން އާޖެންޓީނާ ޓީމުން ރިޓަޔަރވެސް ކުރިއެވެ. އެއަށްފަހު، މީގެ ހަތަރު އަހަރު ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން، އޭނާ ވަނީ 2021 އަދި 2024 ވަނަ އަހަރު ކޮޕާ އެމެރިކާ ތަށިވެސް ހޯދާފައެވެ.

"ވޭތުވެދިޔަ 20 އަހަރު ދެއްވި ހުރިހާ ލޯތްބަކަށް ޝުކުރިއްޔާ،" އޭނާ ބުންޏެވެ.

"ދަނޑުގެ އެތެރޭގައި ހުރެ ތިޔަ އެންމެންގެ އަޑު އިވުމުގެ އިހުސާސް މަތިން އަހަރެން ވަރަށް ބޮޑަށް ހަނދާންވާނެ. މިހާރު އަހަރެން ވާނީ ތިޔައިގެ ތެރެއިން އެކަކަށެވެ. ބޭރުގައި ހުރެ ތިޔަބައިމީހުންނަށް ހިތްވަރުދީ، ސަޕޯޓްކުރާ މީހަކަށެވެ (ހުރިހާ ހާލަތެއްގައިވެސް، އަދި ވަކިން ޚާއްޞަކޮށް ކުރިއަށްވުރެވެސް ބޮޑަށެވެ)." މެސީ ބުނެފަވެއެވެ.

މި ސިޓީގައި، މެސީ އަދި ކިހާ ދުވަހަކު ކުޅުން ކުރިއަށްގެންދަން ގަސްދުކުރާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ދާދި ފަހުން ނިމުނު ވޯލްޑް ކަޕުން ދައްކުވައިދިނީ އޭނާއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން އެކަކު ކަމެވެ. ހަމައެއާއެކު، ހަފްތާ ބަންދުގައި ސީއެފް މޮންޓްރިއާލްއާ ދެކޮޅަށް އިންޓަ މިއާމީ 7-1 އިން މޮޅުވި މެޗުގައި އޭނާ ޖެހި ހަތަރު ލަނޑުންވެސް އެކަން ސާބިތުވެގެން ދިޔައެވެ.

މެސީ ވައިގެ ތެރެއަށް އުފުލާލާފައި، ފޮޓޯ: ރޮއިޓާސް

"އަހަރެން މި ވަކިވަނީ ހިތްހަމަޖެހުމާއި ފަޚުރުވެރިކަމާއެކުގައެވެ. އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއެކު، އެއްއިރެއްގައި އަހަރެމެން ހަމައެކަނި ދުށް ހުވަފެންތައް ތިޔަބައިމީހުންނަށް ހަގީގަތަކަށް ހަދައިދެވިއްޖެއެވެ. ތިޔަބައިމީހުންނާއެކު މި ތަޖުރިބާ ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ތިޔަ ހުރިހާ އެންމެން ދެކެވެސް އަހަރެން ލޯބިވަމެވެ،" އޭނާ އިތުރަށް ބުންޏެވެ.

ދެވަނަ ރިޓަޔަރމަންޓް

މެސީ އާޖެންޓީނާއާއެކު ފަހަކަށް އައިސް ހޯދި ކާމިޔާބީތަކަކީ ހައިރާންކުރުވަނި ގޮތަކަށް ހޯދާފައިވާ ކާމިޔާބީތަކެކެވެ.

މީގެ ދިހަ އަހަރު ކުރިން، 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރިއެވެ. އެ މެޗުގައި އޭނާ ފޮނުވާލި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

މަރަޑޯނާ އަދި އާޖެންޓީނާގެ ރައީސް އިސްވެ ހުންނަވައި ހިންގެވި ކެމްޕޭނަކާ ގުޅިގެން މެސީ އޭނާގެ ނިންމުން ބަދަލުކުރިއެވެ. އަދި ބޮޑެތި މެޗުތަކުން މޮޅުނުވެވޭނެ ކަމަށް އޮތް ވިސްނުން އެއްފަރާތްކޮށް، އަލުން އާޖެންޓީނާ ޓީމާ ގުޅުނެވެ. އެއަށްފަހު ބާސެލޯނާ، ޕެރިސް ސެއިންޓް-ޖާމަން، އަދި އިންޓަ މިއާމީގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކިއެވެ.

އޭނާއަކީ އެމްއެލްއެސްގެ ދެ ފަހަރުގެ އެމްވީޕީ އެވެ. ލީގު ޗެމްޕިއަން ޓީމުގެ ތަރިއެވެ. އަދި އެންމެ މުހިންމު ވަގުތުތަކުގައި އަދިވެސް ލަނޑު ޖަހައިދޭ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން، އޭނާއަކީ ރެކޯޑް އަދަދަކަށް، އަށް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާވެސް މެއެވެ.

"އޭނާއަކީ ހަމަ ހަގީގީ ތާރީޚު،" ފަހުގެ ވޯލްޑް ކަޕްގެ ތެރޭގައި އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުންޏެވެ.

"ތާރީޚެއް. ލެޖެންޑެއް. އަބަދުވެސް ޝުކުރުވެރިވަން'' ރިޓަޔަރ ކުރިކަން އިއުލާނުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު އޮހިގެންދިޔައެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ، ނުވާނެ ކަމެއް ނެތް އިންސާނާ." އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި އިންސްޓަގްރާމްގައި ލިޔުއްވާފައިވެއެވެ.

މެސީ ވޯލްޑް ކަޕްގައި ކޭޕް ވާޑު ކޮޅަށް ލަނޑު ޖެހުމަށްފަހު، ފޮޓޯ: ގެޓީ އިމޭޖްސް

"މިލިއަނަކަށްވުރެ ގިނަ މީހުންނަށް ހިތްވަރުދީ، އަޅުގަނޑުމެންގެ މި ކުޅިވަރުގެ ތާރީޚު ބަދަލުކޮށްލި ފަދަ އާދަޔާޚިލާފު ބައިނަލްއަގުވާމީ ކެރިއަރަކަށްޓަކައި ޝުކުރު ދަންނަވަން. ތިބާގެ ޖާދުވީ ހުނަރާއި މަޑުމައިތިރިކަން އަބަދަށްޓަކައި ހަނދާން ހުންނާނެ." ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މެސީއަށް ތައުރީފު ކުރައްވަމުން ވިދާޅުވެފަވެއެވެ.

"ހުރިހާ ކަމަކަށް ޝުކުރިއްޔާ ލިއޯ. އާޖެންޓީނާ ތަމްސީލުކޮށްދިނީތީ ޝުކުރިއްޔާ. އަހަރެމެންނަށް ހުވަފެން ދެކެން ދަސްކޮށްދިނީތީ ޝުކުރިއްޔާ. އެތައް ހުވަފެނެއް ހަގީގަތަކަށް ހަދައިދިނީތީ ޝުކުރިއްޔާ. ތިޔަ ލެޖެންޑްގެ ޝަރަފު އަބަދަށްޓަކައި ވަނީ ކަލެއަށް." އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ލިޔެފައިވެއެވެ.

"ގައުމު ދެކެ ތިވާ ޝަރުތެއްނެތް ލޯތްބާއި، ދުވަހަކުވެސް އުއްމީދު ކަނޑާނުލުމަށް ކުރި ހަނގުރާމަތަކާއި، އަބަދުވެސް ބޭއިންސާފުތަކަށް ކެތްތެރިވުމުގައި ދެއްކި ސާބިތުކަމާއި، އަދި ކޮންމެ ކުޅުންތެރިއަކާއެކުވެސް މުއާމަލާތް ކުރުމުގައި ދެއްކި ލީޑަޝިޕާއި އަޚުލާގަށްޓަކައި ސާބަސްދެމެވެ." އާޖެންޓީނާ އަދި އިންޓަ މިއާމީގެ ޓީމު މޭޓް ރޮޑްރީގޯ ޑި ޕައުލް ސޯޝަލް މީޑިއާގައި ލިޔެފަވެއެވެ.

މެސީ

"ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔައީ އަދި އަބަދުވެސް ވާނީ ހުރިހާ ޒަމާނެއްގެވެސް އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. އަހަރެމެން ކެޕްޓަން ދެކެ ވަރަށް ލޯބިވަމެވެ." އާޖެންޓީނާގެ އަނެއް ޓީމު މޭޓް ލެއަންޑްރޯ ޕަރެޑެސް ބުންޏެވެ.

"އަހަރެން ކަލެއަށް ލޯބިވަމެވެ، އަދި ސާބަސްދެމެވެ. އަހަރެންގެ މައްޗަށާއި އަހަރެމެންގެ ގައުމަށް ކަލޭ ކޮށްދިން އަސަރަށް އަބަދުވެސް ޝުކުރުވެރިވާނަމެވެ. ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ކެޕްޓަން." ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ބުނެފަވެެއެވެ.