ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ހުރި ދެ ކޮންޓޭނަރަކުން 463 ކިލޯއާ ގާތްކުރާ އަދަދަކަށް "އައިސް" (ކްރިސްޓަލް މެތަމްފެޓަމިން) މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މިއީ އެ ޤައުމުގެ ކްރައިމްސް އެންޑް ޓްރެފިކްއާ ހަވާލުވެ ހުންނެވި ސީނިއާ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗިކަމަށް އެގައުމުގެ ނޫހެއް ކަމުގައިވާ ނިއުސްވައަރ އިން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލަމްބޯ ޕޯޓުން އަތުލައިގަތް މި މަސްތުވާތަކެތީގެ މަގުމަތީ އަގު 8 ބިލިއަން ލަންކާ ރުޕީސްއަށް ވުރެ މަތިވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ލަންކާ ފުލުހުންގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއާއި ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. މިއީ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ތުހުމަތުކުރެވުނު ދެ ކޮންޓޭނަރެއް ބަލައި ފާސްކޮށްގެން ހޯދި ތަކެއްޗެވެ.

މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވުނު ދެ ކޮންޓޭނަރު ބަލައި ފާސްކޮށް، އެ ކޮންޓޭނަރުތައް ހުޅުވާފައިވަނީ ސްރީލަންކާ ކަސްޓަމްސްގެ އެހީތެރިކަމާއެކުގައެވެ.

މިކަމާ ގުޅޭގޮތުން ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަޝޯކާ ދަރްމަސޭނާ ވިދާޅުވީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަން މިންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް ބެލުނު ބެލުމުން، އަތުލައިގަނެވުނު އައިސްގެ މުޅި ޖުމްލަ މިންވަރު 463 ކިލޯގްރާމަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސްތުވާތަކެތީގެ ޝިޕްމަންޓް ސްރީލަންކާއަށް އެތެރެކުރުމުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި ދެނެގަތުމަށްޓަކައި ޚާއްޞަ ތަޙުޤީޤެއް މިހާރު ވަނީ ފަށާފައެވެ.